05 Jan 2011, 16:48
އެއް ނަމްބަރެއް ހުރި ދެ ސައިކަލް ފެނިއްޖެ އެވެ.
"މިތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުގެ ނަންބަރު ބޯޑާއި އަޅުގަނޑުގެ ސައިކަލް ނަމްބަރު ބޯޑާ އެއްގޮތްވެގެން ފުލުހުންނަށް އަޅުގަނޑު ގުޅީ" ފުލުހުންނަށް ރިޕޯޓް ކުރި މީހާ ސަން އޮންލައިނަށް ކިޔައިދިނެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް ދެ ސައިކަލް ޗެކްކުރި އިރު ކުށްވެރިވެފައި ވަނީ ފުލުހުންނަށް ރިޕޯޓް ކުރި ފަރާތެ އެވެ. ސަބަބަކީ އޭނާގެ ސައިކަލުގެ ނަމްބަރު ބޯޑާއި އަހަރީ ފީ ސްޓިކާގައި އޮތް ނަމްބަރާ ތަފާތުވުމުން ނެވެ.
އެކަމާ ގުޅިގެން އޭނާ ބުނީ "ވެދާނެ އަޅުގަނޑުގެ ސައިކަލުގެ ނަންބަރު ކަމަށް މައްސަލައަކީ. އެއީ މީގެ ދުވަސްތަކެއް ކުރިން އަޅުގަނޑުގެ ސައިކަލް ނަމްބަރު ބޯޑް ހަލާކުވެގެން، އެ ބޯޑް ހަދަން ތަނަކާ ހަވާލުކުރިން. އެތަނުން ބޯޑު ހެދިއިރު އެރި އޮޅުމަކަށް ވާނީ." އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ވަނީ ބޯޑް ބަދަލުކުރުމަށް އަންގައި، އޭނާ ދޫކޮށްލައިފަ އެވެ. އަދި ފުލުހުންނަށް އެފަދަކަމެއް ރިޕޯޓް ކުރީތީ އޭނާ އަށް ހިއްވަރުދީ ޝުކުރު އަދާކުރި އެވެ.