ގައުމު ތަރައްގީވުމުގައި ތިމާވެށީގެ ދާއިރާއިން އެހީތެރިވާ މިންވަރު އަޅުގަނޑުމެން ހަނދާން ނެތިފައިވާ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓަށް ޚިދުމަތްކުރާ ފަރާތްތަކަށްދޭ ފެހިފަތް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ މިގައުމަކީ ތިމަވެއްޓަށް ބަރޯސާވުމާއެކު ތަރައްގީވެގެން އަންނަ ގައުމެއް ކަމަށެވެ. އެހެންނަމަވެސް ތިމާވެށިން ގައުމުގެ ތަރައްގީއަށް ކޮށްދީފައިވާ ކަންކަން އަޅުގަނޑުމެން ހަނދާން ނެތިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުނިޔޭގެ ތަރައްގީއަށް ތިމާވެށިން އެހީތެރިވާ މިންވަރު 33 ޓްރިލިއަން އަށް ވުރެ މަތީ އަދަދަކަށް ކޮންމެ އަހަރަކަށް ދުނިޔޭގެ ތިމާވެށިން ދުނިޔޭގެ އިގްތިސާދަށް އެހީތެރިވެދޭ، މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ނެޝަނަލް ގްރޮސް ޕްރޮޑަކްޝަން އާއި އަލާބަލާއިރު ދެގުނައަށް ވުރެ ބޮޑު މިންވަރެއް،" ނައިބް ރައީސް ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ނައިބް ރައީސް ވިދާޅުވީ ވަރަށް ކުދިކުދި އާދައިގެ ކަންތައްތަކުގެ ތެރެއިން ވެސް އަޅުގަނޑުމެން ބޭނުންކުރާ ހަކަތައިގެ މިންވަރު ސަލާމަތް ކުރެވިދާނެ ކަމަށެވެ. އަދި ސާފު ފެން ލިބުމުގައި ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަށި ދޮންނަ ހިސާބުން ފެށިގެން އަޅުގަނޑުމެން ލޯންޑްރީއަށް ތަކެތި އެޅުމާއި ހަމައަށް ވެސް އަޅުގަނޑުމެންގެ ވިސްނުން ރަނގަޅަށް ގެންގުޅެފިނަމަ ފެން ސަލާމަތް ކުރުމުގެ މަގު އަޅުގަނޑުމެންނަށް ހޯދިދާނެ،" ނައިބް ރައީސް ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ވޭތުވެދިޔަ ސަރުކާރުތަކުން ވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.