ރައްޔިތުން މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީން ފާސްކުރި ގޮތާއި ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކުރާނެ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލިސްކުރާގޭގައި މިއަދު މެންދުރުފަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް އުފެއްދި ވަގުތީ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަރީފް ވިދާޅުވީ މަޝްވަރާ ކުރެވިއްޖެ ކަމަށާއި ދެން އޮތް ހަމަ އެކަނި ގޮތަކީ އިހްތިޖާޖުކުރުން ކަމަށެވެ.

"އަޅުގަނޑުމެން މަޖިލިސް ފްލޯގައި އިހްތިޖާޖުކުރެވެން އޮތް ވަރަށްކަށް ކުރާނަން. އަޅުގަނޑުމެނަށް އިހްތިޖާޖު ކުރުން ހަމަ އެކަނި އޮތް ގޮތަކީ. އެއީ އިންސާފެއް ހަމައެއް ގަބޫލުނުކުރާ ބައެއްކައިރި ދެން މަޝްވަރާކޮށްގެން ވެސް ހޯދޭނެ ހައްލެއް އޮތް ކަމަކަށް ނުފެނޭ،" ޝަރީފް ވިދާޅުވި އެވެ.

ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީން ނިންމާފައިވާ ނިންމުން މާދަމާ ބާއްވާ މަޖިލީގެ ޖަލްސާއަށް ހުށަހެޅުމަށްފަހު ކޮމެޓީގެ ރިޕޯޓަށް އިސްލާހް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް ޝަރީފް ވިދާޅުވީ ކޮމެޓީގެ މަރުހަލާގައި މަޝްވަރާކޮށްގެން ހައްލެއް ނުލިބުން ދެން މަޖިލީހުގެ ތަޅުމުގައި ވެސް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވަން އޮތް ކޮމެޓީތަކުން އެމްޑީޕީން ބޭނުންވާ އަދަދަށް ޖާގަ ނުދިނުމުން "ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތު" މެމްބަރުންނަށް ދިނުމަށް މި ސަރުކާރުން ބޭނުންނުވާ މިންވަރު އެނގިގެންދާ ކަމަށެވެ.

"މިއަދު ނެތް ސަރުކާރުގެ ހަޒާނާ ކޮންމެ ގޮތަކަށް ބޭނުން ކުރިއަސް އެކަން ބަލާލެވޭނެ ގޮތެއްވެސް. އިދިކޮޅު ފަރާތްތަކަށް އެ ލިޔެކިއުންތައް ބަލާލެވޭނެ ގޮތެއްވެސް، " އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި އެމްޑީޕީން ދޫދިން ކަމަށާއި ނަމަވެސް އެމްޑީޕީން ހަތަރު ޖާގަ ބޭނުންވި ތިން ކޮމެޓީއަކުން ޖާގަ ނުދޭން ފާސްކުރި ކަމަށެވެ.

ދާއިމީ ކޮމެޓީތައް އެކުލަވާލާލުމަށް އެކުލަވާލި ވަގުތީ ކޮމެޓީން ފާސްކޮށްފައިވާ ގޮތުން މަޖިލީހުގެ މުހިންމު ކޮމެޓީތަކުގެ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ކޯލިޝަނަށެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއިން ހުށަހަޅާފައިވާ ގޮތަށް ދާއިމީ ކޮމެޓީތައް އެކުލަވާލާފައިވާއިރު އެމްޑީޕީގެ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިއެއް ނުގަންނަވަ އެވެ.

ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީން ފާސްކޮށްފައިވަނީ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފް ވޯޓު ދެއްވައިގެންނެވެ.