16 Jun 2014, 13:47
ލ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީތަކުގެ ތެރެއިން އިސްދޫ ފަޅިއަށް ދަތުރުކުރާ ފެރީގެ އިންޖީނަށް މައްސަލައެއް ޖެހިގެން ދަތުރުތައް ހުއްޓިފައި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން އަލީ މިއަދު ސަން އަށް ވިދާޅުވީ އިސްދޫ ފަޅި (އިސްދުއާއި ދަނބިދުއާއި މާބައިދުއާއި މުންޑުއާއި ގަމަށް ދަތުރުކުރާ) ފެރީގެ އިންޖީނަށް މައްސަލައެއް ދިމާވެގެން ދަތުރުތައް ހުއްޓިފައި އޮންނަތާ ދެދުވަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފެރީ މިފަހަރު ހުއްޓުނީ ކުރިން ވެސް ދެދުވަހަށް ހުއްޓުމަށް ފަހު ރަނގަޅުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށެވެ.
"... އިސްދޫ ފަޅީގެ ފެރީގެ އިންޖީނަށް މައްސަލައެއް ޖެހިގެން ނުދުއްވާތާ ދެ ދުވަސް ވުމަށް ފަހު އަލުން ފެއްޓީ މިދިޔަ ހަފުތާގައި. އަނެއްކާ ވެސް އެފެރީ އަށް މައްސަލަ ޖެހިގެން ދަތުރުތައް ހުއްޓިފައި އޮންނަތާ ދެ ދުވަސް ވެއްޖެ،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅުގެ ރައްޔިތުން ފެރީ އަށް ހޭނިފައި ތިއްބާ ދަތުރުތައް މެދުކެނޑުމުން ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ފެރީގެ ހިދުމަތް ލިބޭ ދުވަސްތަކުގައި ގިނަ އަދަދެއްގެ މީހުން ދަތުރުކުރާ ކަމަށާއި ދަތުރުކުރަނީ ވަރަށް މުހިއްމު ކަންކަމުގައި ކަމަށެވެ.
"... ފެރީ ހިދުމަތަށް ރައްޔިތުން ހޭނިފައި ތިއްބައި މިހެން މެދު ކެނޑުމުން ވަރަށް ގިނަ ޝަކުވާ ލިބޭ. ފެރީގެ ހިދުމަތް ލިބޭ ނަމަ ކޮންމެ ދުވަހަކު ވެސް 70- 80 މީހުން އެބަ ދަތުރުކުރޭ. ގިނަ މީހުން މިދަތުރު ކުރަނީ ބޭސްފަރުވާގެ ކަންކަމުގައި ނޫނީ ވިޔަފާރީގެ ކަންކަ މުގައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ފަރުވާ ހޯދަން ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިއުމަކީ ޒަރޫރީ ކަމަކަށް ވެފައިވާ ކަމަށެވެ.
"... ކިރިޔާ ވެސް ފަރުވާއެއް ލިބެން މިއޮންނަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގޮސްގެން. އާސަންދައިން ބޭސް ލިބޭ ތަނަކީ ވެސް ހަމަ އެކަނި އެތަން،" ހުސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްދުއާއި އެފަރާތުގެ އެހެން ރަށްރަށުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ފޮނުވުމަށް ކައްދުއަށް ގެންދަނީ ފެރީގައި ގަމަށް ގެންގޮސްގެން ކަމަށެވެ. އެހެންވެ ފެރީގެ ހިދުމަތް ހުއްޓޭ ކޮންމެ ފަހަރަކު ދަނޑުވެރިކަމުގެ އުފެއްދުންތައް ވެސް މާލެ ފޮނުވުމަށް ވެސް ހުރަސްތަކެއް އެޅޭ ކަމަށެވެ.
ލ. އަތޮޅުން ވާހަކަ ދެއްކި އެއަތޮޅު ރަށެއްގެ މީހަކު ބުނީ ފެރީގެ ހިދުމަތަށް ވަރަށް ބޮޑަށް ބުރޫ އަރާތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ވެފައިވާ ކަމަށެވެ. ފެރީގެ ހިދުމަތްދޭ ދޯނި ސާވިސް ކުންފުނިން އެ ހިދުމަތް ރަނގަޅު ކުރަން މަސައްކަތް ނުކުރާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
"އެބޭފުޅުން މި ގެންގުޅުއް ވަނީ ކޮންމެ ފަރާތަކަށް އެންމެ ދޯންޏެއް. ދެން އެދޯނި ހުއްޓިއްޖެއްޔާ ފެރީގެ ހިދުމަތް މެދު ކެނޑިފައި މި އޮންނަނީ. ފައިސާ ހޯދަން ސަރުކާރުން ދޫކޮށްފައިވާ ރަށް "ވަޑިނޮޅު" ވެސް ބަޔަކަށް ދީގެން މިހާރު އެދަނީ ރިޒޯޓެއް ހަދަމުން، އޭނާ ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވަޑިނޮޅު ވަނީ ޔްނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ)ގެ ކުންފުންޏަކަށް ކުއްޔަށް ދީފަ އެވެ. އަދި އެރަށް 2017 ވަނަ އަހަރު ހުޅުވޭނެ ކަމަށް ބެލެވެ އެވެ.