މުހައްމަދު ނަސީމް އަދި ހުސައިން ހަސަން:

ސްރީލަންކާގެ ހަރުކަށި ބުޑިސްޓު ޖަމާތެއް ކަމަށްވާ، ބޮޑުބަލަސޭނާ (ބީބީއެސް) އާއި އެ ގައުމުގެ ބައިމަދު މުސްލިމުންނާދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ދިވެހިންތަކެއް ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ ދެހިވަލާއާ ހަމައަށް ފޯރައިފި އެވެ.

ދަރިންނަށް ކިޔަވައިދިނުމަށް ލަންކާގެ ދެހިވަލާގައި ދިރިއުޅޭ ދިވެއްސަކު މިއަދު "ސަން"އަށް ދެންމެ ބުނީ އެ ސަރަހައްދުގައި މުސްލިމުން މަރަމުން ގެންދާތީ ގެއިން ބޭރަށް ވެސް ނުނުކުންނަ ކަމަށެވެ. އަދި އެ ސަރަހައްދުގައި މުސްލިމުން މަރަމުން ގެންދަނީ ސިފައިންނަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ، ބޮޑު ގޭންގަކުން ކަމަށާއި މަގުމަތިން މުސްލިމަކު ފެނިއްޖެ ނަމަ އެ މީހަކަށް ހަމަލާދީ ޒަހަމް ކުރަމުންދާ ކަމަށް ހަބަރު ލިބޭ ކަމަށެވެ. އެގޮތުން ދެ ހިވަލާ އިން މިހާތަނަށް ފަސް މުސްލިމަކު މަރާލާފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ގެކައިރީގައި 15 ވަރަކަށް ވުރެ ގިނަ ދިވެހިންގެ މައްޗަށް އެކުލެވޭ ފަސް އާއިލާއެއް ދިރިއުޅޭމުންދާ ކަަމަށެވެ. ދެހިވަލާއަކީ ލަންކާގައި އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ސަރަހައްދެވެ. އެ ސައްހަދުގައި ހާހަކަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭނެ ކަމަށްވެ އެވެ.

"ބުރުގާ އަޅައިގެން ތިބޭ އަންހެނުން އެ މީހުންނަށް ފަސޭހަ މުސްލިމުންކަން ވަކިކުރުން. ކަޅު ހެދުމުގައި ބުރުގާ އަޅައިގެން ދާ އަންހެނަކު ފެނުނަސް ހަމަލާދީ ޒަހަމްކޮށްލާ ކަމަށް ވާހަކަ އެބަދެކެވޭ،" ދަރިންނަށް ކިޔަވައިދިނުމަށް ލަންކާގެ ދެހިވަލާގައި ދިރިއުޅޭ މަންމަޔަކު ބުންޏެވެ.

ބީބީސީ ބުނީ ހަމަނުޖެހުންތައް ފެށުނީ ސްރީލަންކާގެ ބްޑިސްޓް ޖަމާއަތެއް ކަމަށްވާ ބޮޑުބަލަ ސޭނާ (ބީބީއެސް) އިން ބޭއްވި ހިނގާލުމަކަށް ފަހުގައި ކަމަށެވެ. އެގޮތުން އެހަމަނުޖެހުން ފެށުނީ ބީބީއެސްގެ ހިނގާލުމަކަށް މުސްލިމުން ގާ އުކުމުން ކަމަށް ވެސް ބުންޏެވެ. އަދި އެހަމަނުޖެހުންތަކުގައި މުސްލިމުންގެ ފިހާރަތައް އަންދާލައި އެތައް ބަޔަކަށް އަނިޔާކޮށްފައިވާ ކަމަށެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ އެ އެޖެންސީން ބުނީ ދަތުރުކުރަމުންދާ ބަސްތަކުން ވެސް މުސްލިމުން ބާލައި އަނިޔާ ކުރާތަން ފެނިފައިވާ ކަމަށެވެ.

ބީބީއެސް އިން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސްރީލަންކާ ސަރުކާރުން ވަނީ ބޭރުވަލާއާއި ދެހިވަލާ ހިމެނޭ ސަރަހައްދުގައި ކާފިއު އިއުލާންކޮށް، މުސްލިމުން ގެދޮރުން ނުކުތުން މަނާކޮށްފައެވެ.

ބޮޑުބަލަސޭނާއިން މިދިޔަ އަހަރު ވެސް ވަނީ ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތަކެއް ހިންގާފައެވެ. އެގޮތުން ބައެއް މިސްކިތް ތަކާއި ފިހާރަތަކަށް މިދިޔަ އަހަރު ވެސް ގެއްލުން ދިނެވެ.