ތިމާވެށީގެ ދާއިރާ އިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" ތިން ފަރާތަކަށް ދެއްވައިފި އެވެ.

ފެހިފަތް ލިބިވަޑައިގަތް ތިން ފަރާތަކީ ބިލަބޯންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލާއި އއ. އުކުޅަސް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އިތުރުން ސެކިޔޯ ބޭގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެހި ފަތް ލިބުނު ފަރާތްތަކަށް ފެހިފަތް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ފެހިފަތް އިނާމް ދިނުން ހުއްޓާލައި އޮތުމަށް ފަހު މިސަރުކާރުން އަލުން އެއިނާމް ދޭން ނިންމީ އެކަމުގެ މުހިންމު ކަމުން ކަމަށެވެ. އަދި އެއިނާމް ދިނުމުގެ މަގުސަދަކީ ތިމަވެށި ހިމާޔަތް ކުރަން މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ކަމަށް ތޯރިގް ވިދާޅުވި އެވެ.

"ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރައްވާ މަސައްކަތަކީ ނަމޫނާއެއް. ތިޔަގޮތުގައި ތިބުމަށް އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުން އެދެން،" ތޯރިގް ވިދާޅުވި އެވެ.