16 Jun 2014, 11:20
ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކޮމެޓީތަކުގެ މެޖޯރިޓީ ސަރުކާރު ކޯލިޝަނަށް ލިބޭގޮތަށް ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީން ފާސްކޮށްފިއެވެ.
ދައިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކޮންމެ ކޮމެޓީއެއްގައި 11 މެމްބަރުން ތިބޭގޮތަށެވެ. އެއީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ މައުރޫފް ހުށަހެޅުއްވި ހުށަހެޅުމެކެވެ.
އެ ހުށަހެޅުން ފާސްވުމާ ގުޅިގެން މިނިވަންމުވައްސަސާތަކާއި ބެހޭ ކޮމެޓީ އާއި ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އާއި ގައުމީ ސަލާމަތު ކޮމެޓީއާއި އިގުތިސާދީ ކޮމެޓީ އާއި މާލިޔަތު ކޮމެޓީގެ އިތުރުން އިމްތިޔާޒު ކޮމެޓީއާއި އާއްމު ކޮމެޓީގެ މެޖޯރިޓީ ސަރުކާރަށް ލިބެ އެވެ.
ކޮމެޓީތައް އެކުލަވާލުމާމެދު ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށްގެން ހައްލެއް ނުލިބުމުން ކޮމެޓީތައް އެކުލަވާލާނެގޮތް ވޯޓަކުން ކަނޑައަޅަން އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުން ވަނީ ނިންމާފަ އެވެ. އަދި އިއްޔެ ބޭއްވި ބައްދަލުވުން ނިންމާލިއިރު ތިން ހުށަހެޅުމެއް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީން ވެސް ވަނީ ކޮމެޓީތައް އެކުލެވިދާނެ ގޮތެއް ހުށަހަޅާފަ އެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރު ކަމަށްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ ހުށަހެޅުމުގައިވާ ގޮތުން މާލިޔަތު ކޮމެޓީއާ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއާއި އިޖުތިމާއީ ކޮމެޓީގެ އަގުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ގެއްލެ އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއިން ހުށަހަޅާފައިވާ ދެ ހުށަހެޅުމާމެދު ހިތްހަމަޖެހިވަޑައިނުގެން، ޝަރީފް ވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ވޯޓަށް އަހަން ކުޑަތަންވެފައި ވަނިކޮން ކޮމެޓީ ބޮއިކޮޓް ކުރައްވައި ވަޑައިގެންފަ އެވެ.
ދެ ކޮމެޓީއެއްގައި މިހާރު ތިއްބަވާ އަދަދަށް ވުރެ މެމްބަރުން އިތުރު ކުރުމާއެކު ދެ ކޮމެޓީއަކުން މެމްބަރުން މަދުކުރުމަށް ވެސް މައުރޫފް ހުށަހެޅުއްވިއެވެ. އެގޮތުން މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އާއި މާލިޔަތު ކޮމެޓީގައި 13 މެމްބަރުން ހިމެނުމަށްފަހު ޕެޓިޝަން ކޮމެޓީ އާއި އިމްތިޔާޒް ކޮމެޓީގައި ތިބެން ޖެހޭނީ ނުވަ މެމްބަރުން ކަމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމުގައި ބުނެފައި ވެއެވެ. ނަމަވެސް ބައެއް މެމްބަރުން އެ ހުށަހެޅުމަށް ދެކޮޅު ހައްދަވާތީ އެ ހުށަހެޅުން ވަނީ މިއަދު ގެންދާވަފަ އެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ 241 ކޮމެޓީގައި 12 މެމްބަރުން ހިމަނާގޮތަށް ކޮމެޓީ އެކުލަވާލުމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. ކޮމެޓީން ފާސްކޮށްފައިވާގޮތުން 241 ކޮމެޓީގައި ތިއްބަވާނީ ޕީޕީއެމްގެ ހަތަރު މެމްބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ތިން މެމްބަރުންގެ އިތުރުން އަދާލަތު ޕާޓީގެ އެއް މެމްބަރަކާއި މިނިވަން އެއް މެމްބަރެކެވެ.
ދާއިމީ ކޮމެޓީތައް އެކުލަވާލި ވަގުތީ ކޮމެޓީގެ މުގައްރިރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ ކޮމެޓީގެ ނިންމުން މިއަދު މަޖިލުހުގެ ރައީސަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައިވެސް ކޮމެޓީގެ ނިންމުމަށް އިސްލާހްތައް ހުށަހެޅޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.