05 Jan 2011, 16:38
އަންނަ އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވޭއިރު ޓީޗަރުންގެ މާބޮޑު ދަތިތަކެއް ކުރިމަތިވެފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މި އަހަރުގެ ކިޔެވުން ފެށެން ތައްޔާރުވުމާ ގުޅޭ ގޮތުން އެޑިއުކެޝަން މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ މި އަހަރުގެ ކިޔެވުން ފަށާއިރު އެސްޓިމޭޓް ކުރިވަރަށް ވުރެ ވެސް ކުޑަ ތަންކޮޅެއް ޓީޗަރުން އިތުރު ވެފައިވާ ކަމަށެވެ. އަދި އެއީ ބައެއް ޓީޗަރުން ވަޒީފާ އިން ވަކިވުމާ ގުޅިގެން ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އޭގެ ތެރޭގައި 11 ވޮލަންޓިއަރުން ތިބޭނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އަދި މާދަމާ އެ ބޭފުޅުންނާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތާނގައި ޖީއޯސީގެ ފަރާތުން އިތުރަށް 12 ވޮލަންޓިއަރުން އަންނާނެ ކަމަށް ބެލެވޭ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ މިދިޔަ މަހުގެ 28 ގައި ގިނަ ޓީޗަރުން އައިސްފައިވާ އިރު ނައިސް ތިބި ޓީޗަރުން އެންމެ ލަސްވެގެން ވެސް މި މަހުގެ އަށެއް ހިސާބުގައި އަންނާނެ ކަމަށެވެ. އަދި ނައިސް ތިބީ ގާތްގަނޑަކަށް 30 ވަރަކަށް ޓީޗަރުން ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ މި އަހަރުގެ ކިޔެވުން ފަށާއިރު ސްކޫލްތަކުން ޓެސްޓުތައް ނަގާ އުސޫލްތައް ރަނގަޅަށް ގާއިމްކޮށް އެއްގޮތް ކުރުމުގެ ގޮތުން ފޮތެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފުރަތަމަ ޓާމް ތެރޭ އެ މަސައްކަތް ނިންމާލައި ސީޑީއެއްގެ ސިފައިގައި ނަމަވެސް ސްކޫލްތަކަށް ފޯރުކޮށްދޭވޭތޯ ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޝިފާ ވިދާޅުވީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި ބަދަލުގެނެސް ކުދިންނާ ރައްޓެހި މާހައުލެއްގައި އެކަންކަން ކުރެވޭނެ ގޮތަކަށް ވިސްނުންތެރިކަމާ އެކު ކުދިންގެ ޚިޔާލާ އެކު ކުރިއަށްގެންދެވޭ ނަމަ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސެކަންޑްރީ ސްކޫލްތަކުގައި މިއަހަރުގެ ކިޔެވުން ފަށާއިރު ގްރޭޑް އެކެއް އުފައްދައި އަދި ޕްރައިމަރީ ސްކޫލްތަކުގެ ގްރޭޑް އަށެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ މި އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އާ އަހަރުގެ ޝިއާރާ ސްކޫލްތަކުން މި އަހަރު އާންމު ގޮތެއްގައި މަސައްކަތް ކުރާނީ ކޮންކޮން ކަންތައްތަކަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާ އެކު ބައްދަލުވުމެއް މި މަހުގެ އަށް ވަނަ ދުވަހުގެރޭ ތާޖުއްދީން ސްކޫލް ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.