އިރާގު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސްއައިއެސް)ގެ ބާރު ގަދަވުމުން އެގައުމުގައި ތިބި އެމެރިކާގެ ގިނަ ޑިޕްލޮމޭޓުން އަނބުރާ ގެންދަން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ނިއުޔޯކްޓައިމްސްއިން މިއަދު ބުނީ ހަނގުރާމަވެރިން ކުރިއަރާފައި ވާތީ ބަޣުދާދުގައި ހުރި އެމެރިކާ އެމްބަސީގެ ގިނަ އަދަދެއްގެ މުވައްޒަފުން އެތަނުން ގެންދަން ރާވާފައިވާ ކަމަށެވެ.

އެމްބަސީގައި ތިބި ބައެއް މީހުން އެހެން ތަނަކަށް ގެންދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެފައިވީ ނަމަވެސް ގެންދަނީ ކިތައް މީހުން ކަމެއް އަދި ބުނެފައެއް ނުވެއެވެ. ބުނެފައި ވަނީ އެމްބަސީ ހުޅުވާފައި ހުންނާނެ ކަމަށާއި އެތަނުގެ ގިނަ މުވައްޒަފުން އެތަނުގައި ދެމިތިބޭނެ ކަމަށެވެ.

އެމެރިކާއިން ބަޣުދާދުގައި ގާއިމްކޮށްފައިވާ އެމްބަސީއާއި އިރާގުގެ ދެކުނާއި އުތުރުގައި ގާއިމްކޮށްފައިވާ ދެ ކޮންސިއުލޭޓްގައި ޖުމްލަ 5500 މީހުން ބައިތިއްބާފައި ތިބެއެވެ.

"... ބަޣުދާދުގައި ތިބޭ އަހަރެމެންގެ މުވައްޒަފުންގެ ތެރެއަށް ސަލާމަތީ މުވައްޒަފުން އިތުރުކުރާނަން. އެހެން މުވައްޒަފުން ވަގުތީ ގޮތުން އެހެން ތަނަކަށް ގެންދާނަން. އެގޮތުން އިރުބީލްއާއި ބަސަރާގައި ތިބި ކޮންސިއުލާ ޖެނެރަލުން އުރުދުންގެ އައްމާންގައިވާ އިރާގު ސަޕޯޓް ޔުނިޓަށް ގެންދާނަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާން ޖެންސާކީ ވިދާޅުވި ކަމަށް ނިއުޔޯކް ޓައިމްސްގައި ވެއެވެ.

އެމެރިކާގެ ސަލާމަތީ އޮފިޝަލަކާ ހަވާލާދީ ނޫހުން ބުނީ 100 އަށް ވުރެ މަދު އަދަދެއްގެ ސިފައިން މިހާރު ބަޣުދާދަށް ގޮސްފައިވާ ކަމަށެވެ. އަދި ބަޣުދާދުން އެހެން ތަނަކަށް ގެންދަން ޖެހޭ މުވައްޒަފުން އުފުލަނީ ޗާޓަރުކޮށްފައިވާ ކޮމާޝަލް މަތިންދާ ބޯޓްތަކުގައި ކަމަށް އޮފްޝަލް ވިދާޅުވިއެވެ. ނަމަވެސް ބޭނުން ވެއްޖެ ހާލަތެއްގައި ލިބޭ ގޮތަށް އަސްކަރީ މަތިންދާބޯޓްތައް ވެސް އެބަ ހުރި ކަމަށް ވެސް އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަން އިން ވަނީ ބުނެފައެވެ.

އިރާގުގެ ޔައީން ހިންގާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އައިއެސްއައިއެސް އިން ވަނީ އިރާގުގެ ދެވަނައަށް އެންމެ ބޮޑު ޝަހަރުކަމަށްވާ މޫސަލް މިދިޔަ ހަފުތާގައި ހިފާފައެވެ. އަދި އެމީހުން ދަނީ ބަޣުދާދާ ދިމާއަށް ކުރިއަރަމުންނެވެ.