ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު މާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މއ. ވާދޫގެ ބަލައި ފާސްކުރިއިރު މަގުމަތީ އަގުގެ 480،000ރ. އަށް ވުރެ ގިނަ ފައިސާގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 50 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ އެންމެންނަކީ ވެސް ދިވެހީންކަމަށާއި އެ މީހުންގެ ތެރެއިން 26 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަ ތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ފަސް ކޮތަޅު ފެނިފައިވާ ކަމަށާއި އެ ކޮޓަތަޅުތައް ފެނިފައި ވަނީ ހައްޔަރުކުރި މީހުން ތިބިތަނުންކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.