މިދިޔަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުނަށް ބަހަން ކަނޑައެޅި 21 މިލިއަން ރުފިޔާ، ފަގީރެއްގެ ބޮލަކަށް 400 ރުފިޔާގެ މަގުން މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެއިން އަބުދުލްވާހިދު މިއަދު "ސަން" އަށް ވިދާޅުވީ މާދަމަ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން 15:00 އަށް، އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުން ކަމަށެވެ.

ފަގީރުންގެ ގޮތުގައި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ބަލައި އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމަށް އެ ފަރާތެއްގެ އައިޑީކާޑް އާއި އެ މިނިސްޓްރީ އިން ދީފައިވާ ކާޑު ހިފައިގެން ދިއުމުން ޒަކާތް ދޫކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަންނޯޓް ކޮށްފައިވާ ފަރާތެއްގެ އައިޑީކާޑް ހިފައިގެން ޒަކާތްނަގަންދާ އެހެން މީހުނަނަށް ވެސް ޒަކާތް ދޫކުރާނެ އެވެ.

މި އަހަރުގެ މުދަލު ޒަކާތައް އެދި 53200 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ މާލެއިން 13017 މީހުންނާއި އަތޮޅުތެރެއިން 40183 މީހުންނެވެ.

މިދިޔަ އަހަރާއި އަޅާބަލާ އިރު މިއަހަރު މުދަލު ޒަކާތަށް އެދި މާލެއިން ރަޖިސްޓްރީ ކޮށްފައިވާ އަދަދު އިތުރުވެފައިވާ އިރު، އަތޮޅު ތެރެއިން މުދަލު ޒަކާތަށް އެދި ރަޖިސްޓްރީކޮށްފައިވާ މީހުން ވަނީ މަދުވެފަ އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތަށް އެދި 61840 މީހަކު ވަނީ ރަޖިސްޓްރީކޮށްފައިވާ އިރު، މާލެއިން 11149 މީހުންނާއި އަތޮޅުތެރެއިން 50691 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.

މިއަހަރުގެ ޒަކާތުގެ ގޮތުގައި 400 ރުފިޔާ ބަހަން ނިންމާފައިވާ އިރު މިދިޔަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުނަށް ބަހަން ކަނޑައެޅި 23 މިލިއަން ރުފިޔާ، ފަގީރެއްގެ ބޮލަކަށް ބަހާފައި ވަނީ 450 ރުފިޔާ އެވެ.