މިއަދު ހެނދުނު އައި ކޮޅިގަނޑެއްގައި އަނަންތަރާ، ދިގުފިނޮޅު ރިސޯޓްގެ މެރިން ވޯކްޝޮޕާއި ސެކިއުރިޓީ އޮފީހުގެ ފުރާޅު އެއްލާލައިފި އެވެ.

އެރިސޯޓްގައި ހުރި މުވައްޒަފަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު އައި އެ ކޮޅިގަނޑުގައި އެދެ އިމާރާތުގެ ފުރާޅު އެއްލާލާފައިވާ އިރު ބައެއް ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މީހަކަށް ވެސް އަދި އެއްވެސް އެއްޗަކަށް ވެސް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރާޅު އެއްލާލި އިރު އެދެ އޮފީހުގައި ހުރި ބައެއް އެއްޗިއްސަށް ފެން އެޅިފައި ވަނީ، ނަމަވެސް ތަކެއްޗަށް މާ ބޮޑު ގެއްލުމެއް ނުވޭ،" އަނަންތަރާގެ މުވައްޒިފު ވިދާޅުވި އެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ތަފާތު ހާދިސާތައް ހިނގަމުންނެވެ. އެންމެ އާންމު ކަމަކީ އުދަ އެރުމެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ގުރުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވައިޖެހޭނެ ގޮތަށް ބަލާ އިރު، ހުޅަނގާއި ހުޅަގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.