އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ސައުދީ އަރަބިއްޔާގެ ޖިއްދާ އަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖިއްދާ އަށް ވަޑައިގެންނެވުމަށް މިނިސްޓަރު ދުންޔާ ރޭ ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި ބުނީ އެކަމަނާގެ އަރިހުގައި އެމްބެސެޑަރް އެޓް ލާޖް އަބުދުﷲ ހަމީދު ވެސް ވަޑައިގެންނެވި ކަމަށެވެ.

ޖިއްދާގައި ބާއްވާ އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރްސްގެ 41 ވަނަ ސެސަންގައި އޯއައިސީގެ 57 ގައުމުގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އެ ސެސަންގައި މަޝްވަރާކުރައްވާނީ އިސްލާމީ އުއްމަތަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ މެދުގަ އެވެ.

އިސްލާމީ ގައުމުތައް ބައިވެރިވާ ޖަމިއްޔާ އޯއައިސީ އުފެއްދީ 1969 ވަނަ އަހަރު އެވެ. އެޖަމާއަތުގައި ރާއްޖެ ބައިވެރިވީ 1976 ގައެވެ.