16 Jun 2014, 10:06
އަހުމަދު ޝަފީގް، 37، އަކީ ދެ ކުދިންގެ ބައްޕަ އެކެވެ. އޭނާއަކީ މާފުށީ ސްކޫލްގެ ގުރްއާން މުދައްރިސެކެވެ. ސްކޫލުން ލިބޭ މަދު ލާރިކޮޅުން ދެކޮޅު ޖެއްސުމަކީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. އެކަމަކު މި މައްސަލައަށް އޭނާ ހައްލެއް ހޯދައިފި އެވެ. އެއީ ގެސްޓް ހައުސްއެއް ހުޅުވުމެވެ.
މާފުށީގައި ހުންނަ ޝަފީގުގެ އަމިއްލަ ގޭގައި އޭނާ ހަތަރު ކޮޓަރީގެ ގެސްޓް ހައުސްއެއް ހުޅުވީ މިދިޔަ ޖެނުއަރީ މަހެވެ. ރައްޓެއްސެއްގެ އަތުން ލޯނެއް ނަގައިގެން އަދި އޭނާ ރައްކާ ކުރި ފައިސާއާ އެކު "ސަންޝައިން ގެސްޓް ހައުސް" ހުޅުވުމަށް ޝަފީގުގެ އަތުން ޖުމްލަ 700،000 ރުފިޔާ ހަރަދުވި އެވެ. މިއަހަރު ނިމޭއިރު އޭނާއަށް އިންވެސްޓްމަންޓް ކަވަރުވާނެ އެވެ.
އެންމެ ފުރަތަމަ މާފުށީގައި ގެސްޓް ހައުސްއެއް ހުޅުވީ 2010 ވަނަ އަހަރެވެ. އޭގެ ފަހުން ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު މިހާރު އެ ރަށުގައި 32 ގެސްޓް ހައުސް އެބަ ހުއްޓެވެ. އެއީ ޖުމްލަ 536 އެނދެެވެ. ގެސްޓް ހައުސްތަކާ އެކު މާފުއްޓަށް ވަނީ ކުރިން ހީނުކުރާ ވަރުގެ ބޮޑު މުއްސަނދި ކަމެއް ލިބިފަ އެވެ. މި ރަށުން މަދުވެގެން ދައުލަތަށް ޓެކްސްގެ ގޮތުގައި މަހަކު 100،000 ޑޮލަރު ނުވަތަ 1،541،000 ރުފިޔާ ލިބެ އެވެ.
"މި ރަށަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރަށަކަށްވާނެ މުޅި ރާއްޖެއަށް އަޅާބަލާއިރު ވެސް،" މާފުށީ ކައުންސިލްގެ ރައީސާ އައިޝަތު ލިއުޝާ ވިދާޅުވި އެވެ.
ގެސްޓް ހައުސްތަކުގެ ވިޔަފާރިއާ އެކު މުއްސަނދިކަމުގެ އިތުރުން މާފުށީގެ މީހުންނަށް ވަނީ ބޮޑު ތަރައްގީއެއް ވެސް އައިސްފަ އެވެ. މާލެ އަދި ބައެއް އެހެން ރަށްތައް ގޮތަށް ވަޒީފާ ނެތިގެން މަގުމަތީ އެނބުރޭ ޒުވާނުން މާފުއްޓަކުން ނުފެނެ އެވެ. މަގުމަތިން ހުއްޓުވައި 10 ރުފިޔާ ދޭން ބުނާ ކުދިންނެއް މި ރަށަކު ނޫޅޭނެ އެވެ.
"ޒުވާނުން ވެސް ގިނަވެގެން މިހެން އުޅުން ވަރަށް މަދު ގައިމު ވެސް ކުރިއާ އަޅާ ބަލާއިރު. ގެސްޓް ހައުސްތަކުން ވެސް ވަޒީފާ ދޭ އިރު ވެސް އިސްކަން ދޭނެ ދިވެހިންނަށް އަދި ރަށުގެ ކުދިންނަށް. ޒުވާނުން އުޅޭނީ ވަރަށް ބިޒީކޮށް ހަމަ. އިތުރު އެހެން ކަމެއް ކުރަން ވަރަށް ވަގުތު ނުވާނެ،" ލިއުޝާ ވިދާޅުވި އެވެ.
ޖަލާއި ސްޓެލްކޯ ވެސް މާފުށީގައި ހަރަކާތްތެރިވާތީ ކުރިން ވެސް މާފުއްޓަކީ ވަޒީފާ އޮތް ރަށެކެވެ. އެކަމަކު ގެސްޓް ހައުސްތަކުގެ ސަބަބުން މާފުށީގެ ހަމަ އެކަކު ވެސް ވަޒީފާއެއް ބޭނުންވެގެން ނުލިބި އުޅޭކަށް ނުޖެހެ އެވެ.
"މާފުއްޓަށް ވަރަށް ބޮޑު ތަރައްގީއެއް އައިސްފި މިވީ ކުޑަ ދުވަސްކޮޅު. ގާތްގަނޑަކަށް ރަށުގެ 75 ޕަސެންޓު މީހުން މި ދާއިރާގައި އެކި ގޮތްގޮތުން މަސައްކަތް ކުރޭ. ކޮންމެ ގެސްޓް ހައުސްއެއްގައި އޮންނާނެ މަދުވެގެން ދެ ލޯންޗު. އެ ވެސް ވަޒީފާ ހަމަ،" އޭނާ ވިދާޅުވި އެވެ.
މާފުށީގައި ހުންނަ ލޯކަލް ފިހާރައިގެ އަދަދަކީ ގާތްގަނޑަކަށް 13 ނުވަތަ 14 އެވެ. ގެސްޓް ހައުސްތަކުގެ ވިޔަފާރިއާ އެކު ފިހާރަތަކުގެ ވިޔަފާރި ވެސް ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ އެވެ.
"ޝޮޕިން މޯލް ފެންވަރުގެ ދެ ފިހާރަ ހުންނާނެ. ދެން ގެސްޓް ހައުސްތަކަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ހަމަ ގަންނާނީ ފިހާރަތަކުން. އެހެންވީމަ ފިހާރަތަކުގެ ވިޔަފާރި ވެސް ވަރަށް ކުރިއަރައިފި،" ރައީސާ ވިދާޅުވި އެވެ.
މާފުށީގެ މުއްސަނދިކަމާ ފައި ހަމަ ކުރުން ބައެއް ފަހަރު އެހެން މީހުންނަށް ވެފައި އޮންނަނީ ދަތި ކަމަަކަށެވެ. އަހުމަދު ރިފާ، 27، ވަނީ ދާދި ފަހުން މާފުއްޓަށް ޗުއްޓީއެއް ހޭދަ ކުރުމަށް ގޮަސްފަ އެވެ. އެ ރަށުގެ އަގުތައް ހުރީ އޭނާ އަށް އަތްފޯރާ ވަރަށް ވުރެ ތަންކޮޅެއް މަތީގަ އެވެ.
"ފިހާރަތަކުން ވެސް ކެފޭތައް ވެސް އަގު ބޮޑު މާލެއަށް ވުރެ ވެސް. ކެއުން ހަމަ އެންމެ އަގު ބޮޑީ. އަހަންނަށް އެފޯޑް ކުރެވޭ ވަރަށް ވުރެ ބޮޑު،" އޭނާ ބުންޏެވެ.
ތަކެތީގެ އަދި ކާއެއްޗެހީގެ އަގު ބޮޑުވި ނަމަވެސް ރަށުގެ ރައްޔިތުން އަދި ގެސްޓުންނަށް އެ އަގަކީ ރަނގަޅު އަގެއް ނަމަ އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ރައްޔިތުންނަށް މައްސަލައަކަށްވާ ކަންތައްތަކެއް އެބަ ހުއްޓެވެ. އަދިވެސް ބައެއް އަސާސީ ހިދުމަތްތައް އެ ރަށަކުން ނުލިބެ އެވެ. ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް ހޯދޭ ގޮތެއް ނުވެ އެވެ.
"ފަންސާސް ރުފިޔާ ނަގަންވިޔަސް އަދިވެސް ދާންޖެހޭނީ މާލެ އަށް. މި ރަށަކު ނުހުންނާނެ އޭޓީއެމް އެއް. ރަށް ގިރުމުގެ މައްސަލަ ވެސް ވަރަށް ބޮޑު. އެކަމަށް ހައްލެއް ހޯދަން ސަރުކާރާއެކީ މިހާރު ވެސް ވާހަކަ ދައްކަމުން މި ދަނީ،" ކައުންސިލްގެ ރައީސާ ވިދާޅުވި އެވެ.
މާފުށީގެ ރައްޔިތުން ބޭނުންވަނީ އެމީހުން ވެސް އެއީ ގައުމުގެ މުހިންމު ބައެއް ކަމަށް ބަލައިގެން ހަމަހަމަކަމާ އެކު އެ ރަށަށް ވެސް ތަރައްގީ ލިބުމެވެ.
"މިތަނަށް ވަޑައިގެން ދިރާސާ ކުރައްވާ. މި ރަށުގައި ތިބީ ރައްޔިތުން ހަމަ. އައްޑޫ އަތޮޅު ނޫނީ ބޮޑެތި އާބާދީތަކުގައެއް ނޫން ހަމައެކަނި ތަރައްގީ ބޭނުން ވަނީ. މި ރަށަކީ ވެސް ހަމަ ގައިމު ވެސް ދައުލަތުގެ އާމްދަނީ އަށް ވެސް މުހިންމު ހިއްސާއެއްވާ ރަށެއް. އަޅުގަނޑަށް އެނގިގެން ވެސް މަދުވެގެން އެއް ލައްކަ ޑޮލަރު މަހަކު ދައްކާ،" އޭނާ ވިދާޅުވި އެވެ.
މާފުށީގެ ރަސްމީ އާބާދީއަކީ 1600 އެއްހާ މީހުންނެވެ. އެކަމަކު އެރަށުގައި މިއަދު 4800 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ރަށުގެ ގެތަކުގެ އެނދަށްވުރެ ގެސްޓް ހައުސްތަކުގެ އެނދުގެ އަދަދު ގިނަ އެވެ. އެއިން ކޮންމެ އެނދަކީ ރަށުގެ މުއްސަނދި ކަމަށް އިތުރުވަމުންދާ ޑޮލަރެވެ. ލޯކަލް ޓުއަރިޒަމަކީ މުއްސަނދި ކަމަށް އޮތް ދޮރެކެވެ. ކޮންމެ ރަށަކަށް ވެސް މި ފުރުސަތު އެބަ އޮތެވެ.