މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރޭވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ހައި ރައިޒް ގުޅިގެން ހިންގާ "މަޓާޓޯ މޯލްޑިވްސް ޓްރޭވަލް އެވާޑްސް 2014" އަށް އޮންލައިންކޮށް ވޯޓްލާން ފުރުސަތު ހުޅުވާލައިފި އެވެ.

ހައި ރައިޒް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޮންލައިންކޮށް ވޯޓްލުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ކޮންމެ ފަރާތަކަށް ވެސް އެފަރާތަކަށް އެންމެ މަގުބޫލު ޓްރޭވަލް ނުވަތަ ހޮސްޕިޓަލިޓީ ބްރޭންޑަކަށް އޮންލައިންކޮށް ވޯޓްލާން ފަރުމާކޮށްފައިވާ ވެބްސައިޓް www.travelawards.mv އަށް ޒިޔާރަތްކޮށް، އޮންލައިންކޮށް ވޯޓް ލެވޭނެ ކަމަށެވެ.

މިއަހަރުގެ އެވޯޑް ބަހާފައި ވަނީ ދިވެހިރާއްޖޭގެ މުޅި ޓޫރިޒަމްގެ ދާއިރާ އިން އެންމެ މުހިންމު އަށް ކީ ސެކްޓަރަކަށެވެ. އެގޮތުން އެ އަށް ކީ ސެކްޓަރުގެ ދަށުން ޖުމްލަ 24 ކެޓަގަރީއަކަށް ބަހާލައިފައިވާ އިރު އެއިން ކޮންމެ ކެޓަގަރީއެއްގައި ވެސް އެ ކެޓަގަރީއަކާ މުނާސަބު ރިސޯޓްތަކާއި ގެސްޓްހައުސް ފަދަ ތަންތަން ހިމެނެ އެވެ.

ޓްރެވަލްސް އެވާޑްގެ މެއިން ސްޕޮންސަރުންގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓާއި ހޯކްސް އަދި އެލައިޑް އިންޝުއަރެންސްގެ އިތުރުން ފްލައިމީ އަދި އެކިއެކި ކޯ ސްޕޮންސަރުން ހިމެނެ އެވެ. މިއަހަރުގެ ޓްރޭވަލް އެވޯޑްގެ މީޑިއާ ޕާޓުނަރުންނަކީ އޭޝިއަން ޖޯގްރާފިކް، އޭސިއަން ޑައިވާ، ސްކޫބާ ޑައިވާ އަދި އެމްބީސީގެ އިތުރުން ސަން އޮންލައިނާއި ފްލޯޓިން އޭޝިއާ އަދި ވިޒިޓިން ގައިޑެވެ.

މި އަހަރުގެ އެވޯޑް އިންތިޒާމު ކުރާ ހައި ރައިޒް އިން ބުނީ ޓްރޭވަލް އެވާޑަށް ވޯޓުލުމުގެ ފުރުސަތު 21 ނޮވެމްބަރުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.