ގުރުއާން ކިޔެވުމުގެ 29 ވަނަ ގައުމީ މުބާރާތުން އެކި ވަނަތަކަށް އައި ދަރިވަރުންނަށާއި، ސްކޫލްތަކަށާއި، ގުރުއާން ކްލާސްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަށްޓާއި އިނާމު ދެއްވައިފިއެވެ.

ގުރުއާން ކިޔެވުމުގެ 29 ވަނަ ގައުމީ މުބާރާތުގެ އިނާމު ދެއްވުމަށް އިއްޔެ ހަވީރު އިސްލާމީ މަރްކަޒުގައި ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވީ، މުޅި މުބާރާތުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހާސިލުކުރި ދަރިވަރުންނަށާއި، ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން އެއް ވަނަ ސްކޫލަށާއި، އެއް ވަނަ ގުރުއާން ކްލާހަށާއި، އަތޮޅުތަކުން އެއް ވަނައަށާއި، ދެގޮފި އެއްކޮށް މުޅި މުބާރާތުގެ އެއް ވަނަ މުއައްސަސާއަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން އެންމެމޮޅު ފަސް ދަރިވަރުންނަށެވެ. މުޅި މުބާރާތުން އެއް ވަނަ ހާސިލުކުރީ، މާފަންނު ހެޕީކޯނަރ މުޙައްމަދު ޝަފްއާން ސުލައިމާނެވެ.

މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ބައިން ދެ ވަނަ އަދި ތިން ވަނަ ހޯދި މުއައްސަސާތަކަށް އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުހައްމަދު ޖަމީލް އަޙްމަދެވެ.

ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރެއްވި ފަރާތްތަކަށް، ޙާފިޡު ކަމުގެ ސަނަދާއި އިނާމު ދެއްވައި، އެފަރާތްތަކަށް ކީރިތި ގުރްއާނާބެހޭ މަރްކަޒުން ދެއްވި ތާޖު އަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. މިއަހަރު ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރެއްވީ، ހދ. ހިރިމަރަދޫ ލިލީމާގޭ އަލްޙާފިޒާ ފަހީމާ އަބްދުﷲ އާއި، ހުޅުމާލެ 10152 އުމުރުން 14 އަހަރުގެ ރިފްދާ މުޙަންމަދު ރަޝީދެވެ.