އިސްލާމް އާބާދު (ޖޫން 16): ޕާކިސްތާނުގައި ބޮންގޮއްވުމާއި އާންމުތަންތަނަށް ޙަމަލާދީ ކުށެއްނެތް މީހުން މަރައި މުޖްތަމައުގައި ބިރުވެރިކަން އުފައްދައި އަމަންއަމާންކަންނަގާލުމަށް މަސައްކަތްކުރާ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް އެގައުމުގެ ސިފައިން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި މިހާތަނަށް 50 އަށް ވުރެ ގިނަ ހަނގުރާމަވެރިންނާއި ކޮމާންޑަރުން މަރާލެވިއްޖެ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފި އެވެ.

ޕާކިސްތާން ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވީ މިއޮޕަރޭޝަންގައި މަރާލެވުނު ހަނގުރާމަވެރިންގެ ތެރޭގައި ވަޒީރުސްތާނުގައި ހަރަކާތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ "އުޒްބަކް އިސްލާމިކް ގްރޫޕް"ގެ ލީޑަރާއި އިސްކޮމާންޑަރުން ހިމެނޭކަމުގަ އެވެ. "އުޒްބަކް އިސްލާމިކް ގްރޫޕް"ގެ ނަމުގައި ހަރަކާތްތެރިވާ މި ޖަމާއަތަކީ ޕާކިސްތާނުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ކަރާޗީގެ މުހައްމަދު ޢަލީ ޖިނާޙް އެއަޕޯޓަށް މިދިޔަ ހަފްތާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި ލީޑްރޯލެއް އަދާކޮށްފައިވާ ޖަމާއަތެއްކަމަށް ޕާކިސްތާން ސަރުކާރުން ތުހުމަތުކުރެއެވެ. ނަމަވެސް 29 މީހުން މަރުވެގެންދިޔަ މިޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުންނެވެ.

ތާލިބާނުންގެ މައި މަރުކަޒުތަކާއި ހަނގުރާމައިގެ އިންފްރާސްޓްރަކްޗާ ވެސް ވަނީ ވަޒީރުސްތާން ގަ އެވެ. ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ގަބަލީ ސަރަހައްދެއް ކަމަށްވާ ވަޒީރުސްތާނަކީ ޕާކިސްތާން ސަރުކާރުގެ އަމުރުތައް ނުހިނގާ އަދި ސިފައިންގެ ކޮންޓްރޯލްވެސްނެތް ފަގީރު އަދި ގަބަލީ އާދަކާދަތަކާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ އެކަހެރި ސަރަހައްދެކެވެ. އެސަރަހައްދު މައިގަނޑު ގޮތެއްގައި ކޮންޓްރޯލް ކުރަނީ ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތްތަކެވެ.

ވަޒީރުސްތާނުގައި ހާލިހަދައިގެންއުޅޭ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާން ސިފައިން މިހާރު ފަށާފައިވާ ޢަސްކަރީ އޮޕަރޭޝަނަކީ އެ ޖަމާއަތްތަކުގެ ބޮންގޮއްވުންފަދަ ހަމަލާތަކުން ރައްޔިތުންނާއި މުއައްސަސާތައް ސަލާމަތްކޮށް ގައުމަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމުގެ މަގްސަދްގައި ހިންގާ އޮޕަރޭޝަނެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ޕާކިސްތާން ސިފައިންގެ ޖެނެރަލް ކޮމާންޑުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ނައްތާލައި އެޖަމާއަތްތަކުގެ މަރުކަޒުތަކާއި ހަނގުރާމައިގެ އިންފްރާސްޓްރަކްޗާ ނައްތާލުމުގެ މަސައްކަތް ސަރުކާރުން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށާ އެކަން ވަރަށް ރަނގަނޅަށް ކޮށް ނިންމާނެ ކަމުގަ އެވެ. މިގޮތުން ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާކުޑަވެ އެޖަމާއަތްތައް ކޮންޓްރޯލްކުރެވެންދެން މިއިޕަރޭޝަން ކުރިޔަށް ގެންދާނެ ކަމަށްވެސް މިބަޔާން ބުނެ އެވެ.

ވަޒީރުސްތާނުގައިވާ ހަނގުރާމަވެރިންގެ ހިޔާވަހިތަކަށާއި ތަމްރީން މަރުކަޒުތަކަށް ޕާކިސްތާން ސިފައިން ގެންދަނީ ވައިގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިއީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް މިފަހަކަށް އައިސްހިންގާފައިނުވާވަރުގެ ވަރުގަދަ އޮޕަރޭޝަނެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)