16 Jun 2014, 05:47
ވޯލްޑް ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވި ބޮސްނިއާ ހެރްޒެގޮވީނާ އަތުން 2-1 ލަނޑުގެ ހަނި ތަފާތަކުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
ބްރެޒިލްގެ އެސްޑިއޯ މެރަކާނޯގައި މިރޭ ކުޅުނު އެ މެޗުގެ މާ ގިނައިރުތަކެއް ނުވަނީސް އާޖެެންޓީނާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ވަނީ ހޯދައިފަ އެވެ. މެޗުގެ ތިންވަނަ މިނެޓްގައި އާޖެންޓީނާ އިން ކާމިޔާބުކުރި އެ ލަނޑަކީ ބޮސްނިއާގެ ސީޑް ކޮލަސިނަޗް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އާޖެންޓީނާ އަށް ލިބުނު ހިލޭ ޖެހުމެއް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނެގި ހުރަސް ކޮލަސިނަޗް ފައިގައި ޖެހި ވަނީ ގޯލަށެވެ.
އާޖެންޓީނާ އިން ލީޑު ހޯދުމާއެކު، ބޮސްނިއާ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރަމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ކެނޑިނޭޅި އާޖެންޓީނާގެ ޑިފެންސަށް ނުރައްކާ ކުރަމުންދިޔަ، ބޮސްނިއާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ.
މެޗުގެ ދެ ވަނަ ހާފުގައި އާޖެންޓީނާގެ ފޯވަޑް ލައިން އިތުރަށް ވަރުގަދަ ކުރުމަށް ގޮންޒާލޯ ހިގައިން އެރުވި އެވެ. އޭރު ވެސް އާޖެންޓީނާގެ އެޓޭކްގައި މެސީ އާއި، ސާޖިއޯ އަގުއެރީ އަދި އެންޖެލް ޑި މަރީއާ ވެސް ތިއްބެވެ. މަޑު މަޑުން މެޗުގެ ކޮންޓްރޯލް ހޯދައި، މެޗުގެ 65 ވަނަ މިނެޓްގައި މެސީ ކާމިޔާބުކޮށްދިން ލަނޑާއެކު، އާޖެންޓީނާ ދަމަހައްޓަމުން ދިޔަ ލީޑު ފުޅާވެގެންދިޔަ އެވެ. މި ލަނޑު މެސީ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ހިގައިން ދިން ބޯޅައަކުންނެވެ.
ޖުމްލަ ގޮތެއްގައި މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ، ބޮސްނިއާ އަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ސެނާދް ލުލިޗް ދިން ބޯޅައަކުން ބޮސްނިއާ އަށް ސުން ކަނޑުވައިލަ ދިނީ ވެދާދް އިބިސެވިޗް އެވެ.
މި ދެ ޓީމް ހިމެނޭ ގްރޫޕް އެފްގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގައި އީރާނާއި ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު، އެރޭ 3:00ގައި ބޮސްނިއާ ނުކުންނާނީ ނައިޖީރިއާ އާ ދެކޮޅަށެވެ.