05 Jan 2011, 11:33
ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކާ ޖެޓް ފިއުލުގެ އަގު ދެ މަސް ދުވަހުގެ ތެރޭގައި ޔޫއެސް ހަ ސެންޓް ނޫނީ 8.15 ޕަސެންޓް ބޮޑުކޮށްފި އެވެ.
ޖިއެމްއާރުގެ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗީފް ފައިނޭޝަލް އޮފިސާ ނަރަޔާނާ ސޮއި ކުރައްވައި މިދިޔަ މަހު 29 ގައި ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މި މަހު އެއް ވަނަ ދުވަހުން ފެށިގެން ޖެޓް އޭ ވަންގެ ފިއުލް ޖީއެމްއާރު އެއާޕޯޓުން ވިއްކާނީ ލީޓަރެއް 0.88408 އެމެރިކާ ޑޮލަރަށް ކަމަށެވެ.
އެ ރޭޓަކީ މިދިޔަ މަހު ވެސް ރޭޓް އެޖެސްޓްކޮށް ލިޓަރެއް ވިއްކި 0.82880 ޑޮލަރަށް ވުރެ، 0.055 ސެންޓް ބޮޑު، އަދި 6.66 ޕަސެންޓް ބޮޑު އަދަދެކެވެ.
ޖެނުއަރީން ފެށިގެން މަތިންދާ ބޯޓަށް އަޅާ ތެޔޮ ޖީއެމްއާރުން ވިއްކަނީ، ކުރިއާ ހިލާފަށް ފިކްސްޑް ރޭޓެއްގަ އެވެ. އަދި އެ ސާކިއުލާގައިވާ ގޮތުން ފިއުލް ވިއްކަނީ އެޑްވާންސަށް، ޑޮލަރުން ފައިސާ ދައްކާ ފަރާތްތަކަށެވެ.
ޖީއެމްއާރުން ބުނެފައިވާ ގޮތުގައި ތެޔޮ ގަތުމަށް ޑިމާންޑް ޑްރާފްޓާއި ޓީޓީ އިން ފައިސާ ދެއްކި ދާނެ އެވެ. ނަމަވެސް ޗެކުން ދައްކާ ޕޭމަންޓްތަކަށް ތެޔޮ ދޫކުރާނީ ޗެކު ރިއަލައިޒް ވުމަށް ފަހު އެވެ.
ޖެޓު ފިއުލް ވިއްކާ އަގަށް މި މަހުން ފެށިގެން ގެނައި ބަދަލާ އެކު ދެ މަސް ދުވަހުގެ ތެރޭގައި ޑޮމެސްޓިކް ފްލައިޓްތަކަށް ތެޔޮ ވިއްކާ އަގު ވެސް ވަނީ ގާތްގަނޑަކަށް ލިޓަރަކުން 18 ޕަސެންޓް، ނޫނީ 1.84 ރުފިޔާ ބޮޑުކޮށްފަ އެވެ. މިހާރު ޑޮމެސްޓިކް އެއާލައިނަށް ތެޔޮ ވިއްކާ އަގަކީ ލިޓަރެއް 12.1010 ރުފިޔާ އަށެވެ.
ޖީއެމްއާރާ މާލޭ އިންޓަނޭޝަނަލް ހިންގަން ހަވާލުވި އިރު ޑޮމެސްޓިކް އެއާލައިނަށް ތެޔޮ ވިއްކީ ލީޓަރެއް 10.26 ރުފިޔާ އަށް ކަމަށް ސާކިއުލާތަކުން އެނގެ އެވެ.
ޖެނުއަރީއާ ހަމައަށް ފިއުލް ގަންނަ ފަރާތްތަކުން އެޑްވާންސްކޮށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ރޭޓްތަކެއްދޭ ކަމަށް ކުރިން ނެރެފައިވާ ސާކިއުލާތަކުން އެނގެ އެވެ.
ޖީއެމްއާރާ އެއާޕޯޓް ހިންގަން ހަވާލުވުމާ ހަމައަށް، ސެޕްޓެމްބަރު، އޮކްޓޫބަރު އަދި ނޮވެމްބަރު މަހު އިންޓަނޭޝަނަލް އޮޕަރޭޝަންތަކަށް ފިއުލް ވިއްކާފައި ވަނީ އެވްރެޖްކޮށް ލިޓަރެއް 0.7804 ޑޮލަރަށެވެ. އެޑްވާންސްކޮށް ފައިސާ ދައްކާ ފަރާތްތަކަށް ލީޓަރެއް 0.7432 ޑޮލަރަށެވެ. ޑޮމެސްޓިކް އޮޕަރޭޝަންތަކަށް، ޕަބްލިޝްޑް ރޭޓަކީ ލީޓަރެއް އެވްރެޖްކޮށް އެ ތިން މަހަށް 0.8309 ޑޮލަރަށެވެ.
ރާއްޖޭގައި ފިއުލް ވިއްކާ އަގު ބޮޑު ކުރި އިރު ސްރީލަންކާގައި، ބައިނަލްއަގުވާމީ އެއާލައިންތަކަށް މި މަހު ޖެޓް ފިއުލް ވިއްކަނީ ލީޓަރެއް 0.74 ސެންޓްގެ ރޭޓުންނެވެ.
ފިއުލްގެ އިތުރަށް އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން ވެސް 300 ޕަސެންޓް ބޮޑު ކުރުމަށް އެއާލައިންތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ސަން އަށް ކަށަވަރުވެފައިވެ އެވެ. ނަމަވެސް ޖީއެމްއާރުގެ ޕީއާރު ފާމުގެ ފަރާތުން ވާހަކަ ދެއްކެވި ހަސަން އިސްމާއީލް މިއަދު ވިދާޅުވީ ގްރައުންޑް ހޭންޑްލިން އަގު ބޮޑު ކުރުމަށް އެއާލައިންތަކާ އެކު ވާހަކަ ދައްކާ ވާހަކައަކީ ހަގީގަތެއް ކަމަށާއި ނަމަވެސް އަދި ވަކި ރޭޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފިއުލް ވިއްކާ އަގަށް ކޮންމެ މަހަކު ބަދަލު ގެނައުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށާއި އަގުތަކަށް ބަދަލު ގެންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ ތިން މަހުގެ ތެރޭގައި ކްރޫޑް އޮއިލްގެ އަގު ބޮޑުތަނުން ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖީއެމްއާރުން މާލޭ އިންޓަނޭޝަނަލް ހިންގަން ހަވާލުވީ ނޮވެމްބަރު ފަހު ކޮޅު އެވެ. އެއާޕޯޓް ހިންގަން އެ ކުންފުނިން ހަވާލުވިތާ ހަފުތާއެއް ނުވަނީސް ވަނީ ލެފްޓް ބެގޭޖަށް ނަގާފީ ބޮޑުކޮށްފަ އެވެ.