16 Jun 2014, 02:38
މިފަހަރުގެ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ގޯލެއްގެ ސައްހަކަމާމެދު ސުވާލު އުފެދުމުން، "ގޯލް ލައިން ޓެކްނޮލަޖީ" އިން ދެއްކި ލަނޑާއެކު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ހޮންޑިއުރަސްގެ މައްޗަށް ފްރާންސުން ކުރި ހޯދައިފި އެވެ.
ވޯލްޑްކަޕް ގްރޫޕް އީގައި ބްރެޒިލްގެ އެސްޓޭޑިއޯ ބެއިރާ ރިއޯގައި މިރޭ ފްރާންސާއި ހޮންޑިއުރަސް ބައްދަލުކުރި ފޯރިގަދަ މެޗުގައި ކަރިމް ބެންޒެމާ ދެ ލަނޑު ޖެހި އެވެ. މެޗުގައި ރަތް ކާޑަކާއި ބައިކޮޅަށް ވަތް ގޯލެއް ވެސް ފެނިގެންދިޔަ އެވެ. މެޗުގައި ސުވާލު އުފެދުނީ ހޮންޑިއުރަސްގެ ކީޕަރުގެ އަތުން ބައިކޮޅަށް ވަތް ގޯލާމެދު އެވެ. އޭނާގެ އަތުން ބައިކޮޅަށް ވަތް ލަނޑު، ލަނޑެއްގެ ގޮތުގައި ރެފްރީ ނިންމެވި ގޯލު ލައިން ޓެކްނޮލޮޖީގެ އެހީގަ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގައި ޕޮއިންޓަކާއެކު ގްރޫޕް ސްޓޭޖުން ކެޓި ފްރާންސްގެ ފަރާތުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިފައި ވެ އެވެ. ބޯޅަ ހިފަހައްޓައިގެން ހޮންޑިއުރަސްގެ ގޯލަށް ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔަ ފްރާންސްގެ ފުރަތަމަ ލަނޑު ބެންޒެމާ ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގަ އެވެ.
ބެންޒެމާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑަކީ ފްރާންސްއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެވެ. ފްރާންސް އަށް ލިބުނު މި ޕެނަލްޓީއަކީ އެ ޓީމުގެ ޕޯލް ޕޮގްބާ އަށް ހޮންޑިއުރަސްގެ ވިލްސަން ޕެލާސިއޮސް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. އޭނާ ކުރި މި ފައުލާއި ގުޅިގެން މެޗުގެ ބްރެޒިލް ރެފްރީ ސަންޑްރޯ ރިޗީ ވަނީ ޕަލާސިއޮސް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މެޗުގައި ފްރާންސް އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ހޮންޑިއުރަސްގެ ގޯލްކީޕަރު ނޯއެލް ވަލަޑަރޭސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑުގެ ސައްހަކަމާއި ސުވާލު އުފެދުމުން ގޯލް ލައިން ޓެކްލޮޖީގެ ބޭނުން ހިފައިފައި ވެއެވެ. ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ގޯލް ލައިނު ޓެކްނޮލޮޖީން ދެއްކީ އެއީ ގޯލެއް ކަމަށެވެ. ފްރާންސްގެ ބެންޒެމާ އުފެއްދި ހަމަލާ ފުރަތަމަ ޖެހުނީ ހޮންޑިއުރަސްގެ އަރިމަތީ ދަނޑީގަ އެވެ. އެ ދަނޑީގައި ޖެހި ނުކުތް ތަނާ ވަލަޑަރޭސް އެ ބޯޅަ ދިފާއުކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި އޭނާގެ އަތުގައި ބޯޅަ ޖެހި ގޯލް ހުރަސްކުރި ފަހުން ވަލަޑަރޭސް ވަނީ އެ ބޯޅަ ގޯލު ތެރެއިން ނެރެފަ އެވެ.
މެޗުގައި ފްރާންސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ބެންޒެމާ އެވެ. ފްރާންސްގެ ޑެބޫޗީ އުފެއްދި ހަމަލާ ހޮންޑިއުރަސް އަށް ރަނގަޅަށް ދިފާއު ނުކުރެވި، ބެންޒެމާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ހޮންޑިއުރަސް ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.
މި ގްރޫޕްގައި ފްރާންސް ކުޅޭ ދެވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ 12:00ގައި ސްވިޒަލޭންޑާއި ދެކޮޅަށް ނުކުންނަ އިރު، އެރޭ 03:00ގައި ހޮންޑިއުރަސް ނުކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ.