މިއަހަރުގެ ދިވެހި ލީގުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ، މިދިޔަ އަހަރުގައި ވެސް ދިވެހި ލީގުގެ ސްޕޮންސާކުރި ރާއްޖޭގެ ފުރަތަމަ މުވާސަލާތީ ކުންފުނި ދިރާގުކަން ސަންއަށް ކަށަވަރު ވެއްޖެ އެވެ.

ސަންއަށް އެނގިފައި ވާ ގޮތުގައި، އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ދިރާގުން ސްޕޮންސާކޮށްފައި ވަނީ، ހަމަ އެކަނި ދިވެހި ލީގު "ޓައިޓްލް" އެކަންޏެވެ. އެހެން ކަމުން މިފަހަރު ދިވެހި ލީގުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި އެހެން ފަރާތްތަކެއް ފެނިގެން ދިއުމަކީ އެކަށީގެން ވާ ކަމެކެވެ.

"މިފަހަރު އަދި ހަމަ ޖެހިފައި ވާ ގޮތުން ދިވެހި ލީގުގެ މެއިން ސްޕޮންސަރަކަށް ހަމަޖެހިފައި މި ވަނީ، ދިރާގު. އެކަމަކު މިފަހަރު ދިރާގުން ނަގާފައި ވަނީ ހަމައެކަނި 'ޓައިޓްލް'. އެހެން ކަމުން އަޅުގަނޑުމެން މިދަނީ އަދި އިތުރު ފަރާތްތަކާ ވާހަކަ ދައްކަމުން،" އެފްއޭއެމްގެ އޮފިޝަލަކު ސަންއަށް ވިދާޅުވި އެވެ.

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ، ލީގު ސްޕޮންސާ ކުރުމުގައި ބައިވެރިވާ "ހުރިހާ ފަރާތެއް ކަށަވަރު ވުމުން، އެފަރާތްތަކުން ހުށަހެޅި އަގުތަކުގެ ތަފްސީލު ހާމަ ކުރާނެ" ކަމަށެވެ.

އެފްއޭއެމުން މިހާރު ވަނީ ދިވެހި ލީގު ކުރިން ފަށަން ހަމަޖައްސާފައިވާ ގަޑި އަވަސްކޮށްފަ އެވެ. އެގޮތުން (16 ޖޫން 2014) ހޯމަ ދުވަހުގެ ރޭ 9:00ގައި ލީގު ހުޅުވާ މެޗު ކުޅެން ކުރިން ހަމަޖެހިފައި ވީ ނަމަވެސް އާދީއްތަ ދުވަހު އެފްއޭއެމުން ބުނެވައި ވަނީ، އަންހެން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ރޭގަނޑު ކުޅޭ ގޮތަށް ތާވަލު ކުރެވިފައި ވާތީ، ދިވެހި ލީގު ހުޅުވާ މެޗު، ހަވީރު 4:00 އަށް އަވަސް ކޮށްފައި ވާ ކަމަށެވެ.

މިފަހަރުގެ ދިވެހި ލީގު ހުޅުވާ މެޗުގައި ވާދަކުރާނީ، މިދިޔަ ސީޒަންގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.

މިއަހަރުގެ ދިވެހި ލީގުގައި އަށް ޓީމު ވާދަކުރާ އިރު ނިއު އާއި އޭވައިއެލްގެ އިތުރުން މުބާރާތުގައި ވާދަކުރަނީ މާޒިޔާ އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އާއި އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.