މެޗުގެ އެންމެ ފަހު ވަގުތުގައި ޒުވާން ފޯވާޑް ހާރިސް ސެފެރޮވިޗް އިކުއެޑޯ ގޯލަށް ވައްދާލި ލަނޑާއެކު 2-1 ލަނޑުން މޮޅުވެ ސްވިޒަލެންޑް ގްރޫޕް އީގެ ފުރަތަމަ ތިން ޕޮއިންޓު ކަށަވަރު ކޮށްފި އެވެ.

ބްރެޒިލްގެ އެސްޓާޑިއޯ ނެސިއޮނާލް ސްޓޭޑިއަމްގައި މިރޭ ކުޅުުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އިކުއެޑޯއިންނެވެ. އެލަނޑަކީ މެޗުގެ 21 ވަނަ މިނިޓުގައި ޑިފެންޑަރު ވަލްޓާ އެޔޯވި ނެގިހުރަހަކުން ސްވިޒަލެންޑުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި އެނާ ވެލެންސިއާ ވަރަށް ރީތިކޮށް ބޮލުން ޖަހައި ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިކުއެޑޯއިން ލީޑް ނެގި އިރު، ފުރަތަމަ ހާފުގައި ލީޑް ފުޅާ ކުރުމަށް އެޓީމަށް ދެ ތިން ފުރުޞަތެއް ލިބުނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައިރުވެސް ނަތީޖާއަށް ބަދަލެއް ނާދެއެވެ.

މިރޭގެ މެޗުގައި ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 23 އަހަރުގެ ފޯވާޑް އަދްމީރު މެހެމެދީ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ރޮޑްރިގުއޭޒް ނަގައި ދިން ކޯނަރެއް ބޮލުންޖަހައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ނަތީޖާ ހަމަހަމަވުމުން، މެޗުގެ ބާކީ ބައި ދެޓީމުން ވެސް ކުޅެމުން އައީ ވަރަށް ފޯރިޔާއެކީ އެވެ. އެގޮތުން ސްވިޒަލެންޑުން އިކުއެޑޯގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައިރު، އިކުއެޑޯގެ ގޯލްކީޕަރުގެ ފަރާތުން ފެނިގެން ދިޔައީ ސްވިޒަލެންޑުގެ ބާރު ހަމަލާތައް މައިތިރި ކުރަމުން ދިޔަ މަންޒަރެވެ. ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް ހާރިސް ސެފެރޮވިޗް މެޗުގެ 92 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު ގްރޫޕް އީގެ ފުރަތަމަ ތިން ޕޮއިންޓު ސްވިޒަލެންޑަށް ކަށަވަރުވިއެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ސްވިޒަލެންޑް ކުޅުނު ހަތް މެޗުން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޯލެކެވެ.

ގްރޫޕް އީގައި ސްވިޒަލެންޑް ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހު ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. އަދި ގްރޫޮޕް ސްޓޭޖްގެ ފަހު މެޗުގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ދަނަވަރު 1:00ގައި އެޓީމު ނުކުންނާނީ ހޮންޑިއުރަސްއާ ދެކޮޅަށެވެ.