15 Jun 2014, 22:13
މާލޭގައި މިރޭ ހިންގި ގްރޫޕު މާރާމާރީއެއްގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އެ މާރާމާރީ ހިންގާފައި ވަނީ މިރޭ އިރާކޮޅު ސިޓީ ކައުންސިލް ކައިރީގަ އެވެ. އެ މާރާމާރީގައި ޒަހަމްވެފައި ވަނީ ޒުވާނެކެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔަކު ބުނީ އަނިޔާ ލިބިފައިވާ ޒުވާނާގެ ކަންފަތާ ދިމާލުން ބޮލަށް އެއްޗެއް ހަރާފައިވާ ކަމަށާއި އޭނާގެ ގައިން އޮހޮރުނު ލޭ ބިންމައްޗަށް އެޅިފައިވާ ކަމަށެވެ. އަދި އެ ޒުވާނާއަށް ފަރުވާދިނުމަށް ފުލުހުންގެ ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ދާދި ދެންމެއަކު "ސަން"އަށް ވިދާޅުވީ އެ މާރާމާރީގައި ޒަހަމްވެފައި ވަނީ 27 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާއަށް ލިބުނު ޒަހަމްތައް އެހާ ސީރިއަސް ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.