ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެއާ ޕްލަސް ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓްޑް ލިމިޓެޑަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ، އެއާ ޕްލަސްއިން އެމައްސަލަ އަނެއްކާވެސް ކޯޓަށް ވައްދައިފި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްގެ ދައުރުގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު 2011 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނަށް ދާން ރޭވި ދަތުރު ކެންސަލް ވުމުން ދަތުރުގެ ޓިކެޓަށް ވާ ފައިސާ ހޯދުމަށް އެއާ ޕްލަސް އިން ކުރި ދައުވާއާ ގުޅިގެން ޓިކެޓުގެ އަގަށްވާ ފައިސާ ދެއްކުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، 2012 ވަނަ އަހަރުގެ ޖޫން މަހުއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސިވިލް ކޯޓުގައި ތާވަލްކުރިއެވެ. ނަމަވެސް އެ މައްސަލަ މިއަދު ބޭއްވުނު ކަމެއް ކަށަވަރެއް ނުވެއެވެ.

އެފްއޭއެމުން ގައުމީ ޓީމު ގޮވައިގެން ޖަރުމަނަށް ދިއުމަށްޓަކައި އެއާ ޕްލަސްއިން ނަގާފައި ވަނީ 30 ޓިކެޓެވެ. އެ ކުންފުނީގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެފްއޭއެމުން ވަނީ އެ ޓިކެޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 150،000ރ. ގެ ޗެކެއް އެއާ ޕްލަސްއަށް ކުރިން ދީފައެވެ.

ޓިކެޓަށް ވާ ޖުމުލަ ފައިސާގެ ތެރެއިން ކުރިން ދައްކާފައިވާ ފައިސާ އުނި ކުރުމަށް ފަހު ދައްކަން ޖެހޭ ފައިސާ ހޯދުމަށް އެކުންފުނިން ދައުވާ ކުރި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި، ތިން މަސް ދުވަހުގެ ތެރޭގައި 226،674ރ. އެއާ ޕްލަސް އަށް ދެއްކުމަށް އެފްއޭއެމް ގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

އެއާ ޕްލަސްއިން ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން އެފްއޭއެމުން އޭރު ވަނީ އެފައިސާއަކީ ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައެވެ. އެގޮތުން ގައުމީ ޓީމު ގޮވައިގެން ޖަރުމަނަށް ދިއުމަށް ރޭވި ދަތުރުގައި ވިސާގެ މައްސަލައެއް ކުރިމަތިވެގެން ދަތުރު ކެންސަލް ކުރަން ޖެހުނު އިރު، އެއާ ޕްލަސްއިން ޓިކެޓްތައް ފޮނުވާފައި ވަނީ، ރިޒަވޭޝަންގެ އުސޫލާ ހިލާފަށް ކަމަށާއި ވިސާ ނުލިބެނީސް ޓިކެޓް ދޫކޮށްގެން ނުވާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއާ ޕްލަސްއިން އޭރު ބުނެފައި ވަނީ، އެފްއޭއެމަށް ދޫކުރި 30 ޓިކެޓަކީ ރިފަންޑް ކުރެވޭ ޓިކެޓްތަކެއް ނޫން ކަމަށް އެފްއޭއެމާއި އެ ކުންފުންޏާ ދެމެދު ވީ އެއްބަސްވުމުގައި އޮންނާނެ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އެއާ ޕްލަސްއަށް ދަންކަން ޖެހޭ ފައިސާގެ މައްސަލައިގައި ބަހެއް ހޯދުމަށް ސަން އިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް ގުޅުމުން އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ އެކަމާ ބެހޭގޮތުން އެއްވެސް "ކޮމެންޓް"އެއް ދޭން ބޭނުން ނުވާ ކަމަށެވެ.