15 Jun 2014, 21:00
ކައުންސިލްތަކުގެ ބަލަދުވެރިފަރާތް، ލޯކަލް ގަވަމަންޓް އެތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މަދަނީ ޖަމިއްޔާގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުން މިއަދުހުޅުވާލައިފިއެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލްޖީއޭ ބޯޑުގައި ހިމެނޭ ނުވަ ގޮނޑީގެ ތެރެއިން ދެ ގޮނޑިއަށް މެމްބަރުން އައްޔަން ކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ މަދަނީ ޖަމިއްޔާތަކުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެ ބޯޑަށް މަޖިިލީހުން އައްޔަން ކުރާ މެމްބަރާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މެމްބަރެކެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެލްޖީއޭގެ މެމްބަރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ނަން ހުށަހެޅުއްވުމަށެވެ. އެލްޖީއޭގެ މެމްބަރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޝަރުތުތަކެއް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އުވިދިޔަ ރައްޔިތުންގެ މަޖިލީހުން ވެސް އެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި އެވެ. އޭރު ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ކޮމެޓީ މަރުހަލާގައި ވަނިކޮށް މަޖިލީހުގެ ދައުރު ހަމަވީ އެވެ. އެފަދަ އެލްޖީއޭގެ ބޯޑަށް ކުރިމަތިލެއްވީ އެންމެ ދެ ބޭފުޅުންނެވެ.
"މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓްރީ ކުރެވިފައިވާ މަދަނީ ޖަމިއްޔާތަކުން، އެ ޖަމިއްޔާއަކުން ހުށަހަޅުއްވާ ބޭފުޅެއްގެ ނަންފުޅު ޖޫން 29، 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 ކުރިން އެ ޖަމިއްޔާއެއް އިނގޭނެ ގޮތަށް އެބޭފުޅެއްގެ ވަނަވަރާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ،" މަޖިލީހުގެ އިއުލާނުގައި ބުނެފައިވެ އެވެ.
އެލްޖީއޭ ބޯޑުގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރެއްވި ވަޒީރާއި މާލޭ ސީޓީ ކައުންސިލުން އައްޔަންކޮށްފައިވާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރަކާއި މަޖިލީހުން ހޮއްވަވާފައިވާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މީހަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.