15 Jun 2014, 20:42
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މިސީޒަންގައި ކްލަބް ވެލެންސިއިން ދައްކާނެ ކަމަށް އެޓީމުގެ ކޯޗް މުހައްމަދު ޝާހިދު (ޝާޑު) ބުނެފި އެވެ.
މިއަހަރުގެ ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ޝާޑް ބުނީ، ވެލެންސިޔާއިން މިއަހަރުގެ ސީޒަނާ ކުރިމަތިލަނީ ތަފާތު ގިނަ ބަދަލުތަކާކާ އެކު ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން ކަމަށެވެ. އަދި ލީގުގައި ކުޅޭ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށް ވާއިރު ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގެ ވެސް އެންމެ ބޯޑު އުންމީދަކީ މޮޅުވުން ކަމަށް ޝާޑު ބުންޏެވެ.
"ޓީމުގައި އޮތް ޒުވާން ސްކޮޑާ މެދު ހިތް ހަމަޖެހޭ. ހަމަ ގައިމުވެސް ނިމިދިޔަ ސީޒަންގައި ދެއްކި ކުޅުމަށްވުރެ މިސީޒަންގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދައްކާނެ. ސީޒަނާ ކުރިމަތި މިލަނީވެސް ތަފާތު ގިނަ ބަދަލުތަކަކާ އެކީ." ޝާޑް ބުންޏެވެ.
އޭނާ ބުނީ، ވެލެންސިއާގެ ޓާގެޓަކީ ގަދަ ހަރަކަށް އެރުން ކަމަށާއި އެކަން ކުރުމަށް ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މާލީ ހާލަތު ހުރި ގޮތުން މިސީޒަންގައި ވެލެންސިއާއަށް ބިދޭސީ ކުޅުންތެރިއަކު ނުގެންނާނެ ކަމަށް ވެސް ޝާޑް ބުންޏެވެ.
ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވިކްޓަރީގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، ޓީމުގެ ކޯޗް ކަމާ ހަވާލުވީ ވަރަށް ބޮޑު ޗެލެންޖަކާ އެކީ ކަމަށާއި ވިކްޓަރީއަކީ މާޒީގައި ރަނގަޅު ކާމިޔާބީތައް ހޯދާފައިވާ މޮޅު ޓީމަކަށް ވުމުން ސީޒަނާ ކުރިމަތިލާނީ ނިމިދިޔަ ސީޒަންގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ.
"އަޅުގަނޑު ކޯޗް ކަމާ ހަވާލުވެގެން މިވީ ވަރަށް މަދު ދުވަސް ކޮޅެއް. އެކަމަކުވެސް ޓީމުގައި މިވަގުތު އޮތް ސްކޮޑާ މެދު ހިތް ހަމަޖެހޭ. ވިކްޓަރީގެ ވިސްނުމަކީވެސް ގަދަ ހަތަރެއްގައި ފައި ހަރުކޮށްލުން. ފުރަތަމަ މެޗުގައި ބިދޭސީ ކުޅުންތެރިން ނުފެނިދާނެ. އެކަމަކު ދެ ވަނަ މެޗުގައި ބިދޭސީ ކުޅުންތެރިން ފެނުން ވަރަށްގާތް،" އާތީ ބުންޏެވެ.
ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރާމެޗް އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.