ރައްޔިތުން މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމާއިމެދު ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް މަޝްވަރާކޮށްގެން ހައްލެއް ނުލިބުމުން ކޮމެޓީތައް އެކުލަވާލާނެ ގޮތް ވޯޓަކުން ކަނޑައަޅަން ނިންމުމަށްފަހު މިއަދު ބައްދަލުވުން ނިންމާލައިފި އެވެ.

ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ނަގާފައިވާ ވަގުތީ ކޮމެޓީން މިއަދު ހަވީރު 4:00ގައި ބޭއްވި ބައްދަލުވުން ދެ ގަޑިއިރަށް ދިގު ދެމިގެން ދިއުމަށްފަހު ނިންމާލިއިރު ތިން ހުށަހެޅުމެއް ލިބި އެ ހުށަހެޅުންތަކަށް ވޯޓަށް އެހުމަށް ރިޔާސަތުން ވަނީ ނިންމާފަ އެވެ. ނަމަވެސް ކޮމެޓީ ބައްދަލުވުން ނިންމާލީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް މާދަމާ ހެނދުނު 10:0 ގައި ބާއްވާ ބައްދަލުވުގާއި ވޯޓަށް އެހުމަށް ނިންމުމަށްފަހުގަ އެވެ.

އެމްޑީއޭ ޕާލަމެންޓްރީ ގުރޫޕްގެ ހިމެނިވަޑައިގަންނަވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވޯޓަށް އެހުމަށް ދެ ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމުގައި ވަނީ ދެ ކޮމެޓީއެއްގައި މިހާރު ތިއްބަވާ އަދަދަށް ވުރެ މެމްބަރުން އިތުރު ކުރުމާއި ދެ ކޮމެޓީއަކުން މެމްބަރުން މަދު ކުރުމަށެވެ. އެގޮތުން މިނިވަން މުވައްސަސާތަކުގެ ކޮމެޓީގަ އާއި މާލިޔަތު ކޮމެޓީގައި 13 މެމްބަރުން ހިމެނުމަށްފަހު ޕެޓިޝަން ކޮމެޓީ އާއި އިމްތިޔާޒް ކޮމެޓީގައި ތިބެން ޖެހޭނީ ނުވަ މެމްބަރުން ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. އަދި ބަކީ ހުރި ހުރިހާ ކޮމެޓީއެއްގައި ތިބެނީ ތިން މިހާރު ވެސް ތިބި އަދަދަށް ކަމަށް އެ ހުށަހެޅުމުގަވާއިރު އެ ހުށަހެޅުމަށް މާމިގިލިދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ތާއިދު ކުރައްވާފަ އެވެ.

އޭގެ އިތުރުން ކޮންމެ ކޮމެޓީއެއްގައި ވެސް 11 މެމްބަރުން ތިބޭނެ އޮޕްޝަނެއް މައުރޫފު ހުށަހަޅުއްވާފައިވެ އެވެ. އެ ހުށަހެޅުމުގައިވާ ގޮތުން މިނިވަންމުވައްސަސާތަކާއި ބެހޭ ކޮމެޓީ އާއި ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އާއި ގައުމީ ސަލާމަތު ކޮމެޓީއާއި އިގުތިސާދީ ކޮމެޓީ އާއި މާލިޔަތު ކޮމެޓީ އިމްތިޔާޒް ކޮމެޓީއާއި އާއްމު ކޮމެޓީގެ މެޖޯރިޓީ ސަރުކާރަށް ލިބެ އެވެ. އެ ހުށަހެޅުމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ ތާއިދު ކުރައްވާފަ އެވެ.

އޭގެ އިތުރުން ސަރުކާރާއި އިދިކޮޅު އެމްޑީޕީން ވެސް ވަނީ 11 މެންބަރުން 12 ކޮމެޓީގައި ތިބެވޭނެ އޮޕްޝަނެއް ކޮމެޓީއަށް ހުށަހަޅުއްވާފަ އެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ ހުށަހެޅުމުގައިވާ ގޮތުން މާލިޔަތު ކޮމެޓީއާ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއާއި އިޖުތިމާއީ ކޮމެޓީގެ އަގުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ގެއްލެ އެވެ.

މިއަދު ބައްދަލުވުން ނިންމަވާލައްވަމުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މާއްދާ ކޮމެޓީން ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ ރައީސަށް ކޮމެޓީ ރިޕޯޓް ހުށަހަޅާނެ ކަމަށެވެ.