15 Jun 2014, 17:22
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު ކަމަށްވާ "ދިވެހި ލީގުގެ" ފުރަތަމަ މެޗުގައި މާދަމާ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އާ ދެކޮޅަށް ނުކުންނަ އިރު ނިމިދިޔަ ސީޒަންގެ ކާމިޔާބީ ތަކުރާރު ކުރުމަށް ނިއުއަށް މިފަހަރު ޕްރެޝަރު ބޮޑު ވާނެ ކަމަށް އެ ޓީމުގެ ކޯޗް އިސްމާއިލް އަނިލް ބުނެފި އެވެ.
ނިއު އާއި އޭވައިއެލް މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗުގެ ކުރިން މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް އަނިލް ބުނީ، ނިމިދިޔަ ސީޒަންގެ ކާމިޔާބީ ތަކުރާރު ކުރުމަށް މިފަހަރު ވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ކުރީގެ ނަތީޖާ ނެރުމަށް ޓީމަށް މިފަހަރު ކިތަންމެހާވެސް ޕްރެޝަރު ބޮޑު ކަމަށެވެ. އަދި މާދަމާގެ މެޗަށް ނިއު ނުކުންނާނީ ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި ކަމަށާއި އަނިޔާގެ ސަބަބުން މެޗްގުގައި ނުކުޅެވޭ ވަރުގެ އެއްވެސް ކުޅުންތެރިއަކު ޓީމުގައި ނެތް ކަމަށް އަނިލް ބުންޏެވެ.
"ނިމިދިޔަ ސީޒަންގެ ކާމިޔާބީ ތަކުރާރު ކުރުމަށް މިފަހަރު ޕްރެޝަރު ބޮޑުވާނެ. މިފަހަރު ވެސް ނިއުގެ ޓާކެޓަކީ ލީގުގެ އެއްވަނަ ހޯދުން. ޓީމުގައި މިވަގުތު އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ،" އަނިލް ބުންޏެވެ.
އޭނާ ބުނީ، މިފަހަރުގެ ލީގުގައި ވާދަކުރާ އެއްވެސް ޓީމެއް ބަލި ނޫން ކަމަށާއި ނިއުގެ ހުރިހާ ވެސް ވިސްނުމެއް އޮތީ މިއަހަރުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދުން ކަމަށެވެ. އަދި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގެ ސްކޮޑުގައި ތިބި ނަމަވެސް، ކުޅުންތެރިންގެ ފެންވަރު އިނގޭނީ ދަނޑުމަތީގައި އެކުޅުންތެރިން ދައްކާ ކުޅުމަށް ފަހު ކަމަށް އަނިލް ބުންޏެވެ.
"މިފަހަރުގެ ލީގުގައި ބަލި އެއްވެސް ޓީމެއް ވާދައެއް ނުކުރެ. މާދަމާ މެޗުގެ ތިން ޕޮއިންޓު ނިއަށް ވަރަށް މުހިންމު. ނިއުގެ ހުރިހާ ވެސް ވިސްނުމެއް އޮތީ މިއަހަރުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދުން،" އަނިލް ބުންޏެވެ.
އަނިލް ބުނީ، މާދަމާގެ މެޗުގައި ބިދޭސީ ތިން ކުޅުންތެރިން ވެސް ފެންނާނެ ކަމަށާއި ކޯޗް ކަމާ ހަވާލުވުމަށް ފަހު ސީޒަނަށް ތައްޔާރުވުމަށް ކުރެވިފައިވާ މަސައްކަތް ތަކާމެދު ހިތް ހަމަޖެހޭ ކަމަށް ވެސް އަނިލް ބުންޏެވެ.
މާދަމާގެ މެޗުގައި ނިއުއާ ދެކޮޅަށް ނުކުންނަ އޭވައިއެލް ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މިފަހަރު ވެސް ޓީމް ނުކުންނާނީ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ކަމަށާއި ޓީމުގައި މި ވަގުތު އޮތް ސްކޮޑާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި ނިއުއަކީ ބަލި ޓީމެއް ނޫން ކަމަށާއި ނިއުއާ ދެކޮޅަށް ކުޅޭނީ ޑިފެންސިވް ގޭމެއް ކަމަށް ނާދު ބުންޏެވެ.
"އޭވައިއެލްގެ ޓާގެޓަކީ ގަދަ ހަތަރަކުން ޖާގަ ހޯދުން. އެކަމަކު މިދިޔަ ސީޒަނަގައި ހަތަރަކުން ޖާގަ ހޯދި ޓީމެއް ނޫން މިފަހަރު އޮތީ. އަނިޔާގެ މައްސަލަތަކެއް ވެސް ޓީމުގައި އެބަހުރި. ޓީމުގެ ސްކޮޑުގައި މިފަހަރު ގިނައި އާ ކުޅުންތެރިން،" ނާދު ބުންޏެވެ.
ނާދު ބުނީ، ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނުފެނު ކަމުގައި ވިޔަސް، ސީޒަނަށް ތައްޔާރުވުމުގައި ހިތްހަމަޖެހޭ ވަރަށް ޓީމް ވަނީ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
މާދަމާގެ މެޗަށް އޭވައިއެލް ނުކުންނަ އިރު، ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި އޭވައިއެލް އިން ލީގު ނިންމާލީ ހަތަރު ވަނަ މަގާމް ގައި އޮވެގެންވެ. އަދި ނިއުއިން ލީގް ނިއްމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެއް ވަނަ މަގާމް ގައި އޮވެގެންނެވެ.
މިއަހަރުގެ ދިވެހި ލީގުގައި އަށް ޓީމު ވާދަކުރާ އިރު އެ ޓީމް ތަކަކީ، ނިމިދިޔަ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރި ނިއުރޭޑިއަންޓާއި މާޒިޔާ އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އާއި އީގަލްސް އާއި އޭވައިއެލްގެ އިތުރުން މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.