އާސެނަލްގެ ކުރިމަގާއި މެދު މިވަގުތު ނުވިސްނާ ކަމަށާއި މިވަގުތު އިސްކަމެއް ދެނީ ވޯލްޑް ކަޕާއި މެދު ކަމަށް ކޮސްޓަ ރީކާގެ ފޯވަޑް ޖޯލް ކޭމްބެލް ބުނެފި އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި އުރުގުއާއީ އާ ދެކޮޅަށް ކުޅެ ރޭ 3-1 ލަނޑުން ކޮސްޓަރިކާ މޮޅުވި މެޗުގައި އެ ޓީމުގެ ޒުވާން ފޯވަޑް ކޭމްބެލްގެ ފަރާތުން މޮޅު ކުޅުމަކާއެކު ލަނޑެއް ފެނިފައި ވެއެވެ. މި މަހު 26 ވަނަ ދުވަހު 22 އަހަރު ފުރޭ ކޭމްބެލް އަކީ އާސެނަލްގެ ކުޅުންތެރިއަކަށް ވީ ނަމަވެސް، ލޯނުގެ ދަށުން ފާއިތުވި ތިން ސީޒަން އޭނާ ހޭދަކުރީ އެހެން ކްލަބުތަކުގަ އެވެ.

"ހަމަ ޔަގީނުން ވެސް އަހަރެން އެނބުރި އާސެނަލް އަށް ދާން ޖެހޭނެ. އެ ކްލަބާ އެކު އަހަރެން ހަދާފައިވާ ކޮންޓްރެކްޓެއް އެބައޮތް. ނަމަވެސް މިވަގުތު އެ ކްލަބަށްވުރެ، މުހިންމީ އަހަރެންގެ ގައުމާއެކު ވޯލްޑް ކަޕުގައި ވާދަކުރުން." އުރުގުއާއީ އިން ލީޑު ހޯދާފައި ވަނިކޮށް ކޮސްޓަރިކާ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ކޭމްބެލް ބުންޏެވެ.

އުރުގުއާއީ އާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކުމުގެ ފަހަތުގައި ކޮސްޓަރިކާގެ ކުޅުންތެރިންގެ އެހީތެރިކަން ވާ ކަމަށް ކޭމްބެލް ބުންޏެވެ.

"މިއަދު ވަރަށް އުފާވެއްޖެ. ޓީމަކާއި ނުލައި އަހަރެންނަށް މޮޅު ކުޅުމެއް ނުދެއްކުނީސް. ހުރިހާ ކުޅުންތެރިން ވެސް އެ ކުޅުންތެރިއެއްގެ ފުރިހަމަ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރި. އަހަރެން މަސައްކަތްކުރީ ލަނޑުތަކެއް ކާމިޔާބުކުރަން. އަދި ޓީމުގެ އެހެން ކުޅުންތެރިން މަސައްކަތްކުރީ އަހަރެންނަށް އެހީތެރިވާން." އޭނާ ބުންޏެވެ.

ގްރޫޕް ޑީގައި ކޮސްޓަރިކާ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިޓަލީއާ ދެކޮޅަށެވެ. މި މެޗަށް ކޮސްޓަ ރީކާ ނުކުންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00ގަ އެވެ.