ނ. ވެލިދު އަށް މިއަދު މެންދުރުން ފެށިގެން ބޮޑެތި ރާޅުތަކާ އެކު އުދައަރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ވެލިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިފުޅު މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ދެކުނު ފަރާތަށް މެންދުރު ދޭއް ޖަހާ އެހާކަންހާއިރުން ފެށިގެން ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އުދައަރަމުން ދަނީ "ވަރަށް ބޮޑެތި ރާޅާ އެކު، ބައެއް ގަސްތައް ވެސް އަރިއަޅުވާލާފައި" ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށަށް އުދަ އެރުމުގެ ސަބަބުން މީހުންނާއި ތަކެއްޗަށް މާ ބޮޑެތި ގެއްލުންތަކެއް ނުވި ނަމަވެސް އެ ރަށު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.

ނަމަވެސް މިހާރު އުދައެރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުން ފެށޭ ދުވަސްވަރަކީ އުދައިގެ އަސަރު ރާއްޖެ އަށް ކުރަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި މި މަހުގެ އެންމެ ދިޔަވަރު ބޮޑުވާ ދުވަސްތައް ވެސް ދިމާވަނީ މިދުވަސްތަކާ ކަމުން، އުދައިގެ އަސަރު ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ ގިނަ ރަށްތަކަށް ކުރުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގު މޫސުމާ ދިމާކޮށް ރާއްޖޭގެ ރަށްރަށަށް ރަށް ގިރުމާއި އުދަ އެރުމުގެ އަސަރު ތަންކޮޅެއް ބޮޑަށް ތަހައްމަލު ކުރަން ޖެހޭ އިރު، އެކަމުގެ ބިރު ރާއްޖޭގެ އެތައް ރަށަކަށް އެބަ އޮތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެ އެވެ.