15 Jun 2014, 16:47
ދިވެހިރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ފަޅުރަށްރަށް ދޫކުރެއްވުމުގެ އުސޫލެއް ހަރުދަނާ ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.
ފަޅުރަށްރަށް ދޫކުރުމުގައި މިހާރު ދިމާވާ މައްސަލަތަކަށް ރިއާޔަތް ކޮށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ތައްޔާރު ކުރި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ފަޅުރަށްރަށް ދޫކުރުމުގައި މިހާރު ކުރިމަތިވާ މައްސަލަތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ރާއްޖޭގެ ފަޅުރަށްރަށް އިގްތިސާދީ ކަންތަކަށާއި، އެނޫން ކަންތަކަށް ދޫކުރުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލެއް ގާއިމުކޮށް، އެ އުސޫލަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ފަޅުރަށްރަށް ދޫކުރެއްވުމުގެ އުސޫލު ކަނޑައެޅުމުގެ މަސައްކަތް، މިއަދުގެ ޖަލްސާގައި މުޅިން ނިންމަވައިލެއްވިފައި ނުވާތީ، ދެން ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި މަޝްވަރާތައް ކުރިއަށް ގެންދެވުމަށް މިއަދު ނިންމެވިއެވެ.