15 Jun 2014, 16:33
ރަމަޟާންމަހަކީ، އެމަހަކަށް އަޅުގަނޑުމެން ހުރިހާ ދިވެހީން ވެސް ގިނަގުނު ތައްޔާރީތަކެއް ވާ މަހެކެވެ. ގޭގެ އާބާތުރަފިލުވުމަށް، ގޭގެ ތަންތަން މަރާމާތުކޮށް، ކުލަލައި ހަދަމު އެވެ. ގޭތެރެ އިންތިޒާމުކޮށް، ހިފައި ގެންގުޅޭ ސާމާނު އާކުރަމު އެވެ. ފޮޅައި ސާފުކޮށް، ގޭތެރެ ތާހިރު ކުރަމުއެވެ. މީގެ ތެރެއިން، ގޭތެރޭގެ ސާފުތާހިރުކަމަކީ، ވަކި މޫސުމަކަށް، ވަކި ދުވަސްވަރަކަށް ނުބަލައި، އަބަދުމެ ދެމެހެއްޓުން މުހިންމު ކަމެކެވެ. ސާފުތާހިރު މާހައުލެއް ދެމެހެއްޓުމަކީ، ރައްކާތެރިކަމާ އެކު، ރަނގަޅު ސިއްހަތެއްގައި މުޅި އާއިލާ ދެމިތިބުމަށް އެންމެ މުހިންމު އެއް ކަންކަތަކެވެ.
ފަރުވާއަށްވުރެ ރަނގަޅީ، ބަލިތަކުން ދުރުވެ ހުރުމެވެ. ނުވަތަ ކަންކަމުން ރައްކާތެރިވެ ތިބުމެވެ. ސާފުތާހިރު މާހައުލެއް ދެމެހެއްޓުމަށް، ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ. ހިރަފުސް އަރައި، ހިރަފުސް އިތުރުވިޔަ ނުދިނުމަށް، ގަވާއިދުން ތަންތަން ފޮހެން ޖެހެއެވެ. މަކުނުވާ އަޅައި، އާލާވުން ހުއްޓުވުމަށް ފޮޅައި ސާފުކުރަންޖެހެއެވެ. ފާރާއި ފަރުނީޗަރުގައި ފީޖެހުމުން ދުރުކުރުވަން، ގޭތެރޭގެ ތެތްކަން ކޮންޓްރޯލް ކުރަންޖެހެއެވެ. އެކިއެކި ދިރޭތަކެއްޗާއި ސޫފާސޫފީގެ އުނދަގުލުން މިންޖުވުމަށް، ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މީގެ ކޮންމެ ކަމަކީ، އެއްކަމުން އަނެއްކަމަކަށް މަގުފަހިކުރުވާ ކަންކަމެވެ. އެހެންކަމުން، އެންމެ ރައްކާތެރި މާހައުލެއް ގާއިމުކުރަން، މި ހުރިހާ ކަމެއް ކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
ގޭތެރޭގެ މާޙައުލު ދިރޭތަކެތިން ސަލާމަތްކުރުން
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ޓަކައި، އެކިއެކި ބަލިމަޑުކަން ފަތުރާ ދިރޭ އެއްޗެހިން ސަލާމަތްކަން ހޯދަން ޖެހެއެވެ. މިފަދަ ދިރޭ އެއްޗެހި، ގިނައިން އާލާވަނީ، ކުނިބުނީގެ ތެރޭގަ އާއި ހަޑިމުޑުދާރު ތަންތަނުގައެވެ. އިންސާނުން ދިރިތިބުމަށް، ކާނާ އާއި ފެނާއި ހިޔާވަހިކަން ބޭނުންވާ ފަދައިން، އިންސާނުންނަށް އުނދަގޫ ޖައްސައި، ބަލިމަޑުކަން ފަތުރާ ސޫފިތަކަށް ވެސް އެ ހުރިހާ ކަމެއް ބޭނުންވެ އެވެ. އެކަންކަން އެ އެއްޗެހި ފުރިހަމަކުރަނީ، އަހަރެމެންގެ ގޭތެރެއިންނެވެ. އަހަރުމެން ދިރިއުޅޭ މާހައުލަކީ، ކުނިބުނި ގިނަ، ސާފުތާހިރުކަމެއް ނެތް ތަނެއް ނަމަ، އެފަދަ ދިރޭ އެއްޗެއްސަށް، އަހަރެމެންގެ ގޭތެރެއިން ޖާގައެއް ހޯދައިދެވެނީއެވެ. ރައްކާތެރިކަމެއް ނެތް ގޮތެއްގައި، ހާމަކޮށް ކާބޯތަކެތި ބަހައްޓާނަމަ، އެފަދަ ދިރޭއެއްޗެއްސަށް އެދެވެނީ، ތަޢުވަތެކެވެ.
އަހަރެމެން ދިރިއުޅޭ ގެއަކީ، މިފަދަ ދިރޭ އެއްޗެހީގެ ހާއްޔަކަށް ވިޔަ ނުދިނުމަށް، އެ އެއްޗެހި ގޭތެރެއަށް ވަދެއުޅުމަށް ތަންދޭ ކަންކަން ހުއްޓާލަން ޖެހެވެ. އެއް ފިޔަވަޅެއްގެ ގޮތުން، ކާތަކެތި ރަނގަޅަށް ރައްކާކުރުމާއި، ހަޑިވެފައި ހުންނަ ތެލިތަށި، ނުދޮވެ، ގިނައިރު، ނުބެހެއްޓުން މުހިންމެވެ. އަދި ކުނިވަށިގަނޑު ރަނގަޅަށް ބަންދުކުރުމާއި، ކޮންމެ ދުވަހަކު ކުނި އުކާލުމަށް ސަމާލުކަން ދޭންޖެހެއެވެ. މިކަމުގައި އަޅަންވީ އިތުރު ފިޔަވަޅަކީ، ދިރޭތަކެތި ގޭތެރެއަށް ވަންނަން ހުންނަ މަގުތައް ބަންދުކުރުމެވެ. މީހުންނަށް އުނދަގޫ ފޯރުވާ ދިރޭ އެއްޗެހި ގޭތެރެއަށް އާންމުކޮށް ވަންނަނީ، ގޭގައި ރެނދުލައި ހަލާކުވެފައި ހުންނަ ދިމަދިމާލުންނެވެ. ނުވަތަ ބާގަނޑު ހެދިފައި ހުންނަ ތަންތަނުންނެވެ. އެހެންކަމުން، ގޭގައި ހަލާކުވެފައި ހުންނަ ތަންތަން ހަދައި، ގެ މަރާމާތުކޮށް ބެލެހެއްޓުމަކީ، ކުރަންޖެހޭ ކަމެކެވެ. އިމާރާތުގެ ތަނެއް ހަލާކުވެއްޖެނަމަ، ލިބިފައި ހުރި ގެއްލުން ބޮޑުވެ، މައްސަލަ އިތުރުވުމުގެ ކުރިން އެކަން ރަނގަޅުކުރުމަކީ، މަސައްކަތަށް ކުރަންޖެހޭ ޚަރަދާއި ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމެކެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށްފަހު ވެސް، އެއްވެސް ގޮތަކުން، ދިރޭ އެއްޗެއް، ގޭތެރޭގެ ފާރުތަކުގެ ތެރެއިން ގޭތެރެއަށް އެތެރެ ވެއްޖެނަމަ، އެ އެއްޗެއް ނައްތާލުމަށް އަވަސްވެގަންނަން ވާނެއެވެ. މިގޮތުން، މިފަދަ ތަކެތި ނައްތާލުމަށް ބޭނުންކުރާ ބާވަތުގެ ޕެސްޓިސައިޑެއް ބޭނުންކުރެވިދާނެއެވެ. ޕެސްޓިސައިޑްއަކީ، ކެމިކަލް އެކުލެވޭ އެއްޗަކަށް ވުމުން، އޭގެ ސަބަބުން ސިއްހީ އިތުރު މައްސަލައެއް ކުރިމަތިވުން ހުއްޓުވުމަށް، އެ ޕެސްޓިސައިޑެއް ބޭނުންކުރަން އިރުޝާދު ދީފައިވާގޮތަށް، އެ ބޭނުންކުރުމަށް ސަމަލާކަން ދިނުން ވަރަށް މުހިންމުވެއެވެ.
http://www.sun.mv/albums/large_27680.jpg
ދިރިއުޅޭ މާހައުލު ސާފުތާހިރުކުރުން
މުޅި ގޭތެރެ އިންތިޒާމުން ބޭރުވެ، ބޭކާރު ތަކެތި ގޭތެރޭގައި ގިނަވުމާއި ގޭތެރެ ނުސާފުވުމަކީ ވެސް، ދިރޭ ތަކެތި އުފެދި، ހާލި ހެދުމަށް ހުޅުވޭ މަގެކެވެ. ގޭތެރޭގައި އެއްޗެހި ގިނަވެ، ޖާގަ ދަތިވުމަކީ، ހަޑިއާއި ކުނިބުނި އިތުރުވުމަށް ވެސް ތަންދޭ ކަމެކެވެ. އަދި ގޭތެރެ ސާފުކޮށް ބެލެހެއްޓުމަށް ވެސް ދަތި ކުރުވައެވެ. ގޭތެރެ ނުސާފުވުމަކީ ވެސް، ބަލިތައް ފެތުރުމަށް ޖާގަދޭ ކަމެކެވެ. އެހެންކަމުން، އާއިލާގެ ސިއްހީ ދުޅަހެޔޮކަމަށް ޓަކައި، ސާފުތާހިރު މާހައުލެއް ދެމެހެއްޓުމަކީ، މުހިންމު ކަމެކެވެ. ގޭތެރެ ސާފުކުރުމުގެ ބޮޑު އަދި ބުރަ މަސައްކަތަކަށް ވުރެ، ލުއިކޮށް، އަވަހަށް މަސައްކަތް ނިންމާލުމަކީ، ލިބޭ ފަސޭހައަކަށް ވާނެއެވެ. އެހެންކަމުން، ގޭތެރެ ސާފުތާހިރުކުރުމުގެ މަސައްކަތަކީ، ކޮންމެ ދުވަހަކު ގަވާއިދުން ކުރާ މަސައްކަތަކަށް ހަދަން ޖެހެއެވެ.
ސާފުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ތަންތަނަކީ، އެންމެ ބޮޑަށް ހަޑިވާ ތަންތަނެވެ. މިފަދަ އެއްތަނަކީ، ބަދިގެއެވެ. އަދި ހާއްސަކޮށް ބަދިގޭ ސިންކެވެ. ސިންކު ތެރެއަށް ތަކެތި އެޅި، ސާފު ނުކުރެވި ހުންނަ ކާއެއްޗެއްސަކީ، ބަލިޖައްސާ ބެކްޓީރީއާ އެންމެ ފަސޭހައިން އާލާވާ އެއްތަނެވެ. އެހެންކަމުން، ކާ ތަށިތައް ދޮވުމަށް ފަހު، ސިންކްވެސް ރަނގަޅަށް ދޮވެ ސާފުކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަދުވެގެން ދުވާލަކު އެއްފަހަރު، ޑިޝް އިންފެކްޓަންޓެއް ބޭނުންކޮށްގެން ސިންކް ދޮވެލުމަކީ، އެންމެ ރަނގަޅު ގޮތެވެ. ސިންކުގެ އިސްކުރަކީ ވެސް އެކި ފަހަރުމަތިން ކިލައާއި ހަޑިއާ އެކު، އަތް ލެވޭ އެއްޗެކެވެ. އެހެންކަމުން، ސިންކުގެ އިސްކުރު ވެސް ސާފުކުރަންވާނެ އެވެ. ކާ އެއްޗެހި ތައްޔާރުކުރަން ބޭނުންކުރާ ހުރިހާ ތަންތަނެއް ދޮވެ، ސާފުކޮށް، ސެނިޓައިޒްކުރުމަކީ، އެންމެ ރަނގަޅު ގޮތެވެ. ކާމޭޒާއި ބަދިގޭ ކައުންޓަރާއި ކައްކާ އުނދުން ސާފުކުރުމަށް ވެސް ސަމާލުކަން ދޭން ޖެހެއެވެ.
ކައްކާ ނިމުމުން، ތަޅުންގަނޑު މައްޗަށް އެޅިފައި ހުންނަ އެއްޗެހި ވެސް ނަގައި، ތަޅުންގަނޑު ކުނިކަހައި، މޮޕްލައި، ސާފުކުރަންވާނެ އެވެ. މިގޮތުން، ކާއެތިކޮޅަށް އަންނަ މީދާ، ހިނި އަދި ކުރަފި ފަދަ ދިރޭ އެއްޗެއް ގޭތެރެއަށް ވަނުން ހުއްޓުވިދާނެ އެވެ. ތަށިތައް ދޮވުމަށް ފަހު، ތަށި ދޮންނަން ގެންގުޅޭ ސްޕޮންޖުކޮޅުވެސް ފެން ފެލައި، ހިއްކާށެވެ. ތަށި ފުހެން ގެންގުޅޭ ތުވާލިވެސް ދޮވެ، ހިއްކާފައި ބަހައްޓާށެވެ. ތެތްކޮށް ހުންނަ އެއްޗެހީގައި ނުވަތަ ތަންތަނުގައި ފަސޭހައިން ޖަރާސީމު އުފެދޭނެއެވެ. ސްޕޮންޖް ނުވަތަ ތުވާލި އަބަދު ތެތްކަން މަތީ ހުންނަނަމަ، އެތަކެތީގައިވެސް ޖަރާސީމު އުފެދޭނެއެވެ. ތަށި ދޮވެ އަދި ތަށި ފުހެން މި އެއްޗެހި ރައްކާތެރިއެއް ނުވާނެއެވެ.
http://www.sun.mv/albums/large_27678.jpg
އަހަރުމެންގެ ގޭގެ މާހައުލަށް، ދިރޭ އެއްޗެހީގެ ޒަރީއާއިން ޖަރާސީމު އެތެރެވާ ފަދައިން، އަހަރެމެންނަކީ ވެސް ގޭތެރެއަށް ޖަރާސީމު އެތެރެކުރާ ބަޔެކެވެ. އެކިއެކި މަސައްކަތުގައި، ބޭރުގައި އުޅުމަށްފަހު، ގެއަށް އަންނައިރު، މިފަދަ ޖަރާސީމުތައް އަހަރުމެންނާ އެކު، ގެއަށް އަންނާނެއެވެ. ބަލިތަކުން ދުރުވެ ހުރުމަށް، އަމިއްލަ ހަށިގަނޑުގެ ސާފުތާހިރުކަމަކީ، ކޮންމެހެން ބޭނުންކަމެއް ކަން އަހަރެމެން އެންމެން ވެސް ދަންނާނެއެވެ. ފެންވަރައި ގައިންތާހިރުވުމަށް ބޭނުންކުރާ ފާޚާނާއަކީ، އެންމެ ނުސާފުވާނެ ދެވަނަ ތަނެވެ.
ފެންވަރާ ސާފުވުމުގައި، ގައިން ފައިބާ ހަޑިއާއި، ބޭނުންކުރާ ސައިބޯންޏާއި ޝޭންޕޫ އަދި ތެޔޮފަދަ އެއްޗެހި ފާޚާނާގެ ފާރުތަކާއި ތަޅުންގަނޑުގައި ހަރުލާފައި ހުރުމުން، ތަން ނުސާފުވެއެވެ. އަދި ބޭނުންކުރާ ފާޚާނާ ތަށި، ރަނގަޅަށް ސާފު ނުވާނަމަ، ޖަރާސީމު އުފައްދާނެ އެވެ. ފާޚާނާ ސިންކަށް އެޅޭ ދަތް އުނގުޅާ ބޭހާއި ތެޔޮފަދަ އެއްޗެހި، ސިންކުގެ އޮފުކަމާއި ރީތިކަން ގެއްލުވާލަ އެވެ. ފާޚާނާ ތެރޭގެ ކަންތަކާއި ފާޚާނާ ތައްޓާއި ސިންކުގެ އަރިމައްޗާއި ކައިރިފަށް ރަނގަޅަށް ސާފުނުވާނަމަ، ލައްޖަހައި، ކަޅުވެ، ފަންގަސް އުފެދޭނެއެވެ. މި ހުރިހާ ކަމަކުންވެސް ސިއްހީ މައްސަލަތަކަށް މަގުފަހި ކުރުވައެވެ. މިކަންކަން ހައްލުކުރުމަށް، ފާޚާނާގެ ހުރިހާ ތަންތަން ރަނގަޅަށް ސާފުކުރަން ޖެހެއެވެ.
http://www.sun.mv/albums/large_27677.jpg
ގޭތެރޭގެ ވައި ނުސާފުވުމަކީވެސް، ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާނެ ކަމެކެވެ. ނޭވާލުމުގެ ނިޒާމުގެ ބަލިތަކާއި އަރިދަފުސް ރޯގާފަދަ ބަލިތަކަކީ، ނުސާފުވައިގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ. ގޭގައި ވެންޓިލޭޝަން ނެތުން ނުވަތަ ވެންޓިލޭޝަން ރަނގަޅުނުވުމުގެ ސަބަބުން އެފަދަ މައްސަލަތައް ދިމާވެއެވެ. ވައި ނުސާފުވުމުގެ ސަބަބުން ދިމާވާ ކަންކަމުން ދުރުވުމަށް ޓަކައި، ގޭގެ ވެންޓިލޭޝަން ރަނގަޅުކުރާށެވެ. ފަންކާ ހުރިނަމަ، ފަންކާ ޖަހައި، ގޭތެރޭގައި ވައި ދައުރުވާނެ ގޮތެއް ހަދާށެވެ. ކުޑަދޮރު ހުރިނަމަ، ގިނަވަގުތު ދޮރުތައް ހުޅުވާފައި ބަހައްޓާށެވެ. ގޭތެރޭގައި ވައި ދައުރުވުމަކީ، ގޭގައި އުފެދޭ ތެތްކަން ކުޑަކުރުމަށް ވެސް އެހީވެދޭނެ ކަމެކެވެ.
ގޭތެރޭގައި ތެތްކަން އިތުރުވުމަކީ ވެސް މައްސަލައެކެވެ. ފާރުތަކާއި ފަރުނީޗަރުގައި ފުސްޖެހުމާއި ލައްޖެހުމާއި ފީޖެހުމުގެ މައްސަލަތައް ދިމާވަނީ، ގޭގައި ތެކަން އިތުރުވާތީއެވެ. މިކަމުގެ ސަބަބުން، ފާރުތަކާއި ތަޅުމާއި ލަކުޑިއާއި ގޭތެރޭގެ ތަންތަން ހަލާކުވެސް ވެއެވެ. މިހެން ވުމުން، ދިރޭ ކުދި ސޫފި އުފެދުމަށް އަނެއްކާ ވެސް އެ ހޯދައިދެވެނީ، މަގެކެވެ. ފީޖެހުމަކީ، ނޭވާ ހިއްލުމާއި ނޭވާލާ ނިޒާމުގެ އެހެނިހެން ބަލިތަކަށް ވެސް މަގުފަހިކުރުވާ ކަމެކެވެ. މިކަން ހައްލުކުރެވޭނެ ގޮތަކީ، ގޭތެރޭގައި ތެތްކަން އުފެދޭނެ ގޮތްތައް ހުއްޓުވުމާއި ތެތްކަން ބޭރުކުރެވޭނެ ގޮތް ހެދުމެވެ. ކައްކާއިރު މަތިޖަހައިގެން ކެއްކުމާއި، ދޮވެފައި ހުންނަ އަންނައުނު ކޮޓަރި ނުވަތަ ގޭތެރޭގައި ހިއްކަން ނުބެހެއްޓުމާއި، ކައްކަން އުނދުންމަތީގައި ހުންނަ ފެން ގިނައިރު ކެކިކެކި ނުބެހެއްޓުމަކީ، ތެތްކަން އުފެއްދުމަށް މާހައުލު ތެރެއަށް ފޮނުވާ ފެން، މަދުކުރުމަށް ކުރެވޭނެ ކަންތައްތަކެކެވެ.
ދެންއޮތީ، ގޭތެރޭގައި އުފެދޭ ތެތްކަން ބޭރުކުރުމަށް ކުރަންޖެހޭ ކަންތައްތަކެވެ. ކޮޓަރި ތެރެއަށް ފެނުގެ އަސަރު ކުރިޔަ ނުދިނުމަށް ޓަކައި، ކައްކާ އިރުގަޔާއި ފާޚާނާ ބޭނުންކުރާއިރު، ކޮޓަރިތެރެއަށް ހުންނަ ދޮރު ލައްފާފައި ބަހައްޓާށެވެ. އަދި ފާޚާނާ ބޭނުންކުރާ އިރުގަޔާއި ބަދިގޭގައި ކައްކާއިރު، އެތަންތަނުން ގެއިން ބޭރަށް ހުންނަ ކުޑަދޮރު ހުޅުވާފައި ބަހައްޓާށެވެ. އަދި ހަމަ މިއާއެކު، ގޭތެރެއިން ވައި ބޭރުވާން ހުންނަ އެއްވެސް ތަނެއް ބައްދުވާނެހެން ގޭތެރޭގައި އެއްޗެހި އަތުރައިފައި ނުބަހައްޓާށެވެ.
http://www.sun.mv/albums/large_27679.jpg
ގޭތެރޭގައި ހުރި މިފަދަ ކަންކަމަށް ސަމާލުކަން ދީގެން، ހުރި މައްސަލަތައް ހައްލުކުރުމަކީ، ސިއްހީ ދުޅަހެޔޮކަން މަތީގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކެވެ. މައްސަލަތަކުން ދުރު، ސާފުތާހިރު މާހައުލެއް ދެމެހެއްޓޭނަމަ، ބަލިމަޑުކަމުން ދުރުވެފައިވާ، ހިތްހަމަޖެހޭ ދިރިއުޅުމެއް، މުޅި އާއިލާއަށް އުޅެވިދާނެއެވެ.