15 Jun 2014, 16:21
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި “މަލްވީނަސް އާއި އެކީ އާޖެންޓީނާ ގެ ބައެއް"، މިހެން ލިޔެފައިވާ ބެނާ އެއް ހިފައިގެން އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރީން ނަގާފައިވާ ފޮޓޯއެއް އާއްމުވުމުގެ ސަބަބުން ފީފާ އިން އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން އާ ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ.
ދެކުނު އެމެރިކާ ބައްރުގެ ކޮޅުގައި، އެޓްލާންޓިކް ކަނޑުގެ ދެކުނުގައި އޮންނަ މަލްވީނަސް ނުވަތަ ފޯކްލެންޑް އައިލެންޑްސް އަކީ އިނގެރޭސީންނާއި އާޖެންޓީނާ އިން ދައުވާކުރަމުންދާ ރަށްތަކެކެވެ.
ޖޫން ހަތެއް ވީ ހޮނިހިރު ދުވަހު ސްލޮވޭނިއާ އާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގެ ކުރީން ނަގާފައިވާ ފޮޓޯއެއްގައި އާޖެންޓީނާގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރީން ހިފަހައްޓައިގެން ތިބި ބެނާއެއްގައި ލިޔެފައި ވަނީ “ލަސް މަލްވީނަސް ސޮން އަރޖެންޓީނަސް”، މިހެންނެވެ. މީގެ މާނައަކީ “މަލްވީނަސް އާރ އާޖެންޓައިން” ނުވަތަ “މަލްވީނަސް އަކީ އާޖެންޓީނާގެ ބައެއް”، މިހެންނެވެ.
ފީފާ އިން ހުކުރު ދުވަހު ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށާއި ފީފާގެ ގަވައިދުގައިވާ ގޮތުގެ މަތިން މަސްލަހަތު ގެއްލޭ ފަދަ، އަދި ގަދަފަދަކަން ދެއްކުމުގެ އެއްވެސް ކަމެއް އެއްވެސް ޓީމަކުން ކޮށްގެން ނުވާނެކަމަށެވެ.
އާޖެންޓީނާ އިން ދެކޭ ގޮތުގައި ފޯކްލޭންޑް އައިލެންޑްސް އަކީ 1833 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ތަނެކެވެ. ފަހަކަށް އައިސް އާޖެންޓީނާގެ ރައީސް ކްރިސްޓީނާ ފެރނަންޑޭޒް ވަނީ ފޯކްލޭންޑް އައިލެންޑްސްގެ މައްސަލަ ސިޔާސީ މަޝަހޫރުކަން ހޯދުމުގެ އުކުޅެއްގެ ގޮތުގައިވެސް ބޭނުންކޮށްފައެވެ.
1982 ވަނަ އަހަރު ފޯކްލޭންޑް އައިލެންޑްސް ގެ މައްސަލައިގައި އާޖެންޓީނާ އާއި އިނގެރޭސީން ހަނގުރާމަކުރިއެވެ. ނަމަވެސް ފާއިތުވި 400 ވަރަކަށް އަހަރު ފޯކްލޭންޑް އައިލެންޑްސްގައި ވެރިކަން ކުރަމުން އައިސްފައިވަނީ އިނގެރޭސީންނެވެ. “މަލްވީނާސް” މި ނަމަކީ އާޖެންޓީނާގެ ރަސްމީ ބަސް ކަމަށްވާ ސްޕެނިޝް އިން ފޯކްލޭންޑް އައިލެންޑްސް އަށް ކިޔާ ނަމެވެ.
ފުޓުބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށާއި ކުޅިވަރުގެ އެއްބައިވަންތަކަމުގެ ރޫހު ނަގައި ނުލުމަށް ފީފާއިން ވަނީ ގޮވައިލައިފައެވެ. ނަމަވެސް އާޖެންޓީނާގެ ކުޅުންތެރިން މިދިޔަ ހޮނިހިރު ދުވަހު ފޯކްލޭންޑް އައިލެންޑްސްގެ މެސެޖާ އެކު ނަގާފައިވާ ފޮޓޯއާ ގުޅިގެން އަޅާނޭ ފިޔަވަޅެއް ފީފާއިން އަދި ހާމައެއް ނުކުރެއެވެ.