15 Jun 2014, 16:00
ފައިސާ ކާޑު ބޭނުންކޮށްގެން އަގުބޮޑު އިނާމުތަކެއް ލިބޭ "ޝޮޕް މޯ" ނަމަކަށް ކިޔާ ޕްރޮމޯޝަނެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ފަށައިފި އެވެ.
ޕްރޮމޯޝަނާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއައިބީގެ ކާޑްސެންޓަރުގެ ސީނިއާ އޮފިސަރު މުހައްމަދު ޒިޔާއު ވިދާޅުވީ، އެހެން ޕްރޮމޯޝަންތަކާ ޚިލާފަށް އެ ޕްރޮމޯޝަންގައި ނަސީބުވެރި ފަރާތެއް ނުވަތަ ލަކީޑްރޯ އެއް ނުހޮވާނެ ކަމަށާއި އެ ޕްރޮމޯޝަންގެ އިނާމުތަށް ލިބޭނީ އެމްއައިބީގެ ފައިސާ ކާޑުން އެންމެ ގިނައިން ވިޔަފާރީގެ ޓްރާންސެކްޝަންތައް ހައްދަވާ ކަސްޓަމަރަކަށް ކަމަށެވެ.
"އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުން އެއީ ޓްރާންސެކްޝަން އެއް ގޮތަށް ކައުންޓެއް ނުކުރާނެ. ބޮޑަށް ބަލާނީ ވިޔަފާރީގެ މުއާމަލާތް ތަކުގަ ފައިސާ ކާޑު ބޭނުންކުރާ މިންވަރަށް. އެގޮތުން އެންމެ ގިނައިން ބޭނުންކުރާ ތިން ފަރާތެއް މި ބަލަނީ،" ޒިޔާއު ވިދާޅުވި އެވެ.
އެމްއައިބީގެ ސޭލްސް އެންޑް މާކެޓިން އޮފިސަރު މުހައްމަދު ޝަފާއު ހަސަން މިއަދު ވިދާޅުވީ، އެ ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި އިސްލާމިކް ބޭންކުގެ ފައިސާ ކާޑު ބޭނުންކޮށްގެން ލިބޭ އިނާމުތަކު ތެރޭގައި އައިފޯން ފައިވްއެސް އާއި ސެމްސަންގް ގެލެކްސީ އެސްފައިވް ގެ އިތުރުން އެޕަލް އައިޕެޑް ލިބޭނެ ކަމަށެވެ.
އެގޮތުން އެންމެ ގިނައިން ފައިސާ ކާޑު ބޭނުންކުރައްވާ ފަރާތަކަށް އިނާމެއްގެ ގޮތުގައި "އައިފޯން ފައިވްއެސް" އެއް ލިބޭނެ ކަމަށް ޝަފާއު ވިދާޅުވި އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ފައިސާ ކާޑު ބޭނުންކުރާ ފަރާތަކަށް "ސެމްސަންގް ގެލެކްސީ އެސްފައިވް" އެއް ލިބޭއިރު ތިންވަނައަށް އެންމެ ގިނައިން ފައިސާ ކާޑު ބޭނުންކުރާ ފަރާތަކަށް "އައިޕެޑް އެއާ" އެއް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއައިބީ އިން މިއަދު ފެށި "ޝޮޕް މޯ" ޕްރޮމޯޝަން މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.