15 Jun 2014, 15:53
ޖުވެނައިލް ކޯޓުގެ ރިސެސް ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކޯޓުގެ ރިސެސް ފަށާފައި ވަނީ މިއަދު ކަމަށާއި ރިސެސް ނިމޭނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރިސެސްގެ މުއްދަތުގައި ޝަރީއަތްތަށް ކުރިއަށް ނުގެންދިޔަ ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން ފަދަ ކަންތައް އޮންނާނެ ކަމަށެވެ.
ރިސެސް ގެ ތެރޭގައި ކޯޓުގެ މަސައްކަތްތަކާ ގުޅޭ ޕްރޮސީޖާ މެނުއަލް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އަލަށް ފާސްކުރެވުނު ގާނޫނުލް އުގޫބާތަށް ކޯޓުގެ ގާޒީންނާއި ލީގަލް އޮފިސަރު ތަމްރީން ކުރުން ވެސް އޮންނާނެ ކަމަށެވެ.