05 Jan 2011, 09:10
ޑީއާރުޕީގެ ހާލަތު މިހާރު އޮތްގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ޕާޓީ އަށްދޭ ވޯޓަކީ ލީޑަރު އަހްމަދު ތަސްމީން އަލީއަށް ދޭ ވޯޓެއްތޯ ނުވަތަ ޕާޓީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރަށް ދޭ ވޯޓެއްކަން ނޭނގޭ ކަމަށް އެމްޑީޕީގެ ތަރުޖަމާނު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ކުރިއަށްގެންދާ ކެމްޕެއިނާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގައި، އިދިކޮޅު ޑީއާރުޕީ އާއި ޕީއޭގެ ރުހުން ލިބިވަޑައިނުގަތުމުގެ ސަބަބުން ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި، ޑރ. ޝަހީދު، މިއަދު ވިދާޅުވީ، ޑިމޮކްރަސީއެއްގައި އިދިކޮޅު ޕާޓީ އަކީ މުހިއްމު އެއްބައިވެރިއާ ކަމަށެވެ. އެހެންކަމުން އިންތިހާބުގެ ތެރެއަށް ޑީއާރުޕީ އަންނަން ޖެހޭނީ ޕާޓީގައި ހުރި މައްސަލަތައް ހައްލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނޫން ނަމަ މުޅި ނިޒާމުގެ ހާލު ދާނީ ދަށަށް ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
"ޑީއާރުޕީގެ ހާލަތު މިހާރު އޮތް ގޮތުން ރައްޔިތުންނަށް ސާފެއް ނުވާނެ ޑީއާރުޕީން ރައްޔިތުންނަށް ލިބޭނީ ކޮން ހިދުމަތެއްކަން. އެބޭފުޅުންގެ އެބަހުރި އަމިއްލަފުޅު މައްސަލަތަކެއް ހައްލުކުރަން ޖެހޭ. އެ ހައްލު ނުވެއްޖެއްޔާ ސާފެއްނުވާނެ މި ހޮވެނީ ޑީއާރުޕީ، ތަސް ނުވަތަ ޑީއާރުޕީ، އުމަރު ކަމެއް. އެހެންވީމާ ވަރަށް މުހިއްމުވޭ ޑީއާރުޕީ ރަނގަޅު ގޮތުގައި އޮވެގެން މި އިންތިހާބުގެތެރެއަށް އައުން. ޑީއާރުޕީ އަކީ މިކަމުގެ "ޑިމޮކްރަސީގެ" އެއް ބައިވެރިޔާ. ޑީއާރުޕީ ރަނގަޅު ނުވެއްޖެ ނަމަ މުޅި ނިޒާމުގެ ހާލު ދާނީ ދަށަށް،"
ޑރ. ޝަހީދު ވިދާޅުވީ، ޕާޓީ އިމްތިހާނަކަށް ވުރެ ބޮޑަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ، ޑިމޮކްރަސީގެ އިމްތިހާނެއް ކަމަށެވެ. އަދި އެ އިންތިހާބުން ދައްކައިދޭނީ، ޑީމޮކްރަސީގެ މަންފާ ލިބުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިންތިހާބުގެ ކާމިޔާބު، ވަޒަންކުރާ މިންގަނޑަކަށް ވެގެންދާނީ، ރައްޔިތުން ނިކުމެ ވޯޓުދޭ އަދަދަށާއި ތަރައްގީއަށް ޓަކައި މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވި ބޭފުޅުން ހޮވިގެންދާ ނިސްބަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އިންތިހާބަކީ ސިޔާސީ ފުޓުބޯޅަކުޅޭ ޓީމުތައް އަތުރާލާ ފަދަ ފުރުސަތަކަށް ވެގެންނުވާނެ ކަމަށާއި ޕާޓީން މެޑެލްޖަހަން ޖެހޭ ފުރުސަތަކަށް ހަދައިގެންނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އިންތިހާބަކީ ސަރުކާރަށް ގޮންޖަހައި ސަރުކާރު ވައްޓާލައި ރާއްޖެ އަށް އިންގިލާބެއް ގެންނަން ބޭނުންވާ ބަޔަކަށް ޖާގަދޭ އިންތިހާބަކަށް ވެއްޖެއްޔާ އެއީ ކަމުގެ މަގުސަދު ފެއިލްވެގެންދާނޭ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވުރެ ބޮޑަށް މިކަމަކީ ސީދާ ރައްޔިތުންނަށް އެކަމުގެ އަސަރު މާބޮޑަށް ކުރާނެ އިންތިހާބެއް. މިފަހަރުގެ އިންތިހާބުގެ ހިއްސާދާރުންނަކީ ސިޔާސީ ޕާޓީތަކެއްނޫން، ރައްޔިތުން. މިއަކީ ކޯޅުންތަކުގެ ވަގުތެއްނޫން. މިއީ ރައްޔިތު މީހާއަށް ހިދުމަތް ދިނުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ މީހާ ހިޔާރު ކުރުމުގެ ވަގުތު. އެކަމަށް ސަމާލުކަންދޭން ޖެހޭނެ. ރައްޔިތުން ޑެމޮކްރަސީގެ އަގު ވަޒަންކުރާ މިންވަރު އެނގިގެންދާނީ ކައުންސިލަށް ހޮވޭ މެންބަރުންގެ ފަރާތުން ލިބޭ ހިދުމަތުން."