ފީފާ ވޯލްޑް ކަޕްގެ އަލަތު މެޗަށް ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ނުކުންނައިރު، މި މެޗުން މޮޅުވުމަށްޓަކައި ހިތްވަރު ލިބެގެންދަނީ 1990ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ މައްޗަށް ކެމަރޫން ކުރިހޯދި މެޗުން ކަމަށް ވަނީ ބުނެފަ އެވެ. އަދި ހަމައެހެންމެ މި މުބާރާތުގެ ސްޕްރައިޒިން ޓީމެއްގެ ގޮތުގަައި ބޮސްނިއާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

މެޗާ ކުރިމަތިލާއިރު ބޮސްނިއާ ކޯޗު ސަފެޓް ސުސިޗް ވަނީ އެ ޓީމުގެ އެއް ފޯވާޑް ޓީމަށް ނުނަގާނެ ކަމަށް ބުނެފަ އެވެ. ވެދާދް އިބިސެވިޗަށް ޖާގަ ނުދޭން ނިންމީ މެޗުގައި ޓީމްގެ މެދުތެރެ ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އަނިޔާގައި ހުރި ސެޖާދް ސަލިހޮވިޗް މިރޭގެ މެޗަށް ފިޓްވެފައިވާ ކަމަށް ސުސިޗް ވަނީ ބުނެފަ އެވެ. މިރޭ އާޖެންޓީނާއާ ދެކޮޅަށް ބޮސްނިއާ ޓީމަށް ކުޅޭނެކަމަށް ލަފާކުރެވެނީ އެޑިން ޖެކޯ ކުރީގައި ބަހައްޓައިގެން 1-3-2-4 ފޯމޭޝަނަށެވެ. އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޮސްނިޔާ އިން ވަނީ މި ފޯމޭޝަންގައި އައިވަރީ ކޯސްޓާއި މެސްކޯއާ ދެކޮޅަށް ކާމިޔާބު އެކުވެރިކަމުގެ މެޗްތަކެއް ކުޅެފަ އެވެ.

މިރޭގެ މެޗުގައި އާޖެންޓީނާ ޓީމުން ގޮންޒާލޯ ހިގައިން އާއި ލިއޮނެލް މެސީ އަދި ސާޖިއޯ އަގުއެރޯ، މި ތިން ކުޅުންތެރިން އެއްކޮށް ފެނިގެންދާނެ އެވެ. އަދި މި ކުޅުންތެރިންނަށް ސަޕޯޓް ދިނުމަށްޓަކައި މިރޭ ވިންގުން ހަރަކާތްތެރި ވާނީ އެންޖަލް ޑި މަރީއާ އެވެ. މިރޭގެ މެޗުގައި އާޖެންޓީނާ ބޭނުންކުރާނެ ފޯމޭޝަނެއް ކަމަށް ގަބޫލްކުރެވެނީ 3-3-4 ފޯމޭޝަަނަށް ކަމެވެ. އެއާއެކު މި ސީޒަންގައި މި ހަތަރު ކުޅުންތެރިން ކުޅެމުންދާ ކުލަބަތަކަށް ކާމިޔާބުކުރި ގޯލުގެ އަދަދު އެއްކޮށްލުމުން އުޅެނީ 124ގަ އެވެ. އާޖެންޓީނާގެ ކެޕްޓަން ބޭންޑު މެސީ އެޅިފަހުން ގައުމީ ޓީމަށް އެނާ ކުޅޭ މެޗުތަކުގައި ތަފާތު ކުޅުމެއް ދައްކާ ކަމަށް ކޯޗު ސަބެއްލާ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ދެ ޓީމު މިހާތަނަށް ބައްދަލަކުރި މެޗުތަކަށް ބަލައިލާއިރު، މިހާތަނަށް ވާދަކުރި ދެ މެޗުން ވެސް ބޮސްނިއާ ވަނީ ބަލިވެފަ އެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލު ކޮއްފައި ވަނީ 1998ވަނަ އަހަރު ކޮރްޑޮބާގައި ކުޅުނު މެޗުގަ އެވެ. ގެބްރިއަލް ބަޓިސްޓޫގަ ހެޓްރިކާ އެކު އެ މެޗެ ނިމިގެން ދިޔައީ 5-0 ލަނޑުން އާޖެންޓީނާ މޮޅުވެގެންނެވެ. މި މެޗުން ބޮސްނިއާ އަށް ލިބުނު ނާކާމިޔާބީ އަކީ މިހާތަނަށް ބައިނަލްއަގުވާމީ މެޗަކުން އެ ޓީމަށް ލިބުނު އެންމެ ބޮޑު ބަލި ވެސް މެއެވެ. އެންމެ ފަހުން މިދެ ޓީމް ވާދަކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. ސަޖިއޯ އަގުއޭރޯގެ ކާމިޔާބުކުރި ދެ ގޯލާއެކު އެ މެޗު ކާމިޔާބުކޮށްފައި ވަނީ އާޖެންޓިނާ އިންނެވެ.


އެންމެ ފަހުން ޔޫރަޕްގެ ޓީމްތަކާއި އާޖެންޓީނާ ވާދަކުރި ނުވަ މެޗްގެ ތެރެއިން 2 މެޗުން އެ ޓީމު މޮޅުވި އިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖްގައި އާޖެންޓީނާ ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗު ކާމިޔާބުކޮށްފައި ވެއެވެ. އަދި ދެ މެޗުން އެއްވަރުވެ ނިމިފައިވާ އިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އާޖެންޓީނަ ވަނީ މި ފަހަރުގަ ކޮލިފިކޭޝަނުގައި 35 ގޯލް ޖަހައިފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި އަލަށް ވާދަކުރާ ހަމައެކަނި ޓީމަކީ ބޮސްނިއާ އެވެ. ބޮސްނިއާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެޑިން ޖެކޯ ވަނީ ކޮލިފިކޭޝަންގައި 10 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން އަށް ގޯލަކީ އޭނާ ބޮލުން ކާމިޔާބު ކޮށްފައިވާ ލަނޑުތަކެވެ.