15 Jun 2014, 14:31
އެމެރިކާގެ 41 ވަނަ ރައީސް ޖޯޖު އެޗްޑަބްލިއު ބުޝް ވައިކުޑައެއް އަޅައިގެން 60،000 ފޫޓުގެ އުސްމިނެއްގައި ހުރި ހެލިކޮޕްޓަރަކުން ފުންމަވާލައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ބުނީ ބުޝް އެކަން ކުރެއްވީ އޭނާ 90 އަހަރުވީ އުފަން ދުވަސް ފާހަގަކުރެއްވުމަށް ކަމަށާއި އެކަން ކުރެއްވީ ވަރަށް ކާމިޔާބީ އާއި އެކީގައި ކަމަށެވެ. ބުޝްގެ އުފަން ދުވަހުގެ ހަފްލާ ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ އަވަށެއް ކަމަށްވާ މެއިންގައި ހުންނަ އޭނާގެ ގެކޮޅުގަ އެވެ.
ބުޝް މިފަދަ ކަމެއް ކުރައްވާފައި މިވަނީ ޕާރްކިންސަންސް ބަލި (ތުރުތުރުއަޅާ ބަލި)ގެ ޝިކާރައަކަށް ވެވަޑައިގެންފައި ވަނިކޮށެވެ. އެ ބަލީގެ ސަބަބުން އޭނާގެ ފައިންޕުޅުގެ ހަރަކާތް ކުޑަވެ، ފުރޮޅުލީގޮނޑިއެއްގެ އެހީގައި އުޅުއްވަން ވަނީ މަޖުބޫރުވެފަ އެވެ. ނަމަވެސް އުފަލަށާއި މަޖަލައް ލޯބިކުރައްވާ ކުރީގެ ރިޕަބްލިކަން ލީޑަރު ގައުމުގެ ކުލައިން ފަވާލައިފައިވާ ވައިކުޑައެއް އަޅައިގެން ޖެހިލުމެއް ނެތި ފުއްމާލެއްވި އެވެ. އޭނާ ހުންނެވީ އެމެރިކާގެ ފައުޖުގެ ޕެރެޝޫޓު ޓީމުގައި އުޅުއްވި ސާޖަންޓް ފަސްޓް ކިލާސް މައިކް އެލިއަޓްގެ ގައިގައި ކަމަރަކުން އައްސަވާފަ އެވެ. މިއީ އެމަނިކުފާނުގެ ހަޔާތުގައި ކުރެއްވި އަށް ވަނަ ޕެރެޝޫޓް ޖަންޕެވެ.
އެ ހަފްލާގައި އެމަނިކުފާނުގެ ދަރިފުޅު އަދި ކުރީގެ އެމެރިކާގެ ރައީސް ޖޯޖު ޑަބްލިއު ބުޝް އާއި 69 އަހަރުގެ އަންހެނުން ބާބަރާ ބުޝް ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން 200އަށް ވުރެ ގިނަ ދުރާއި ކައިރި އާއިލާގެ މީހުނާއި ހެޔޮއެދޭ ރައްޓެހިން ވެސް ބައިވެރިވި އެވެ.