ސިއްހީ ހިދުމަތްތެރިންނާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި އިންސާފުވެރި ގޮތެއްގައި އެ މީހުންނާމެދު ފިޔަވަޅު އަޅާނެ އުޞޫލުތައް ބަޔާންކޮށްފައިވާ "ސިއްހީ ހިދުމަތްތުގެ ފަންނީ މަސައްކަތްތެރިންގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ފޮނުވައިފި އެވެ.

ސަރުކާރުން އެ ބިލު މަޖިލީހަށް ހުށަހެޅިއިރު، ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވާ ފަރާތްތަކުގެ އަތުން ބަދަލު ހޯދޭނެ އުސޫލުތަކެއް ބަޔާންކޮށް "ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލެ"އް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފަންނަކީ އާންމުން އިތުބާރުކުރާ އަދި އިހްތިރާމް ލިބިގެންވާ ފަންނަކަށް ހެދުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ. އަދި ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ މީހުން މަސައްކަތުގެ މާހައުލުގައި ތަބާވާންޖެހޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމާއި، އެ މީހުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް، ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ އުޞޫލުތައް ކަނޑައެޅުމަކީ އެ ބިލްގެ މަގުސަދު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ސިއްހީ ހިދުމަތުގެ ތެރެއިން ވަކިވަކި ފަންނުތަކުގައި މަސައްކަތްކުރެވޭނެ ޝަރުތުތައް އެ ބިލްގައި ކަނޑައަޅާފައިވާއިރު ސިއްހީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ތަންޒީމުކުރާނެ ކައުންސިލެއް އުފައްދަވާނެ ކަމަށާއި އެ ކައުންސިލުތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ބިލްގައި ބުނެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.