ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ހެކީންގެ ހެކިބަސް ނަގައިފިއެވެ.

ސިޔާމް ރާއްޖެއަށް ބަނގުރާ އެތެރެކުރެއްވި ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާ އަށް އޭނާ ވަނީ އިންކާރުރައްވާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެއާޕޯޓުގައި ވަޒީފާ އަދާކުރާ މުވައްޒަފަކާއި ކަސްޓަމްސްގެ ދެ އޮފިސަރަކާއި ފުލުހުންގެ ލެބޯޓަރީގައި މަސައްކަތްކުރައްވާ ދެ ބޭފުޅަކު ވަނީ ހެކިބަސްދީފަ އެވެ. އެއީ ދައުލަތުން ހުށަހެޅި ހުރިހާ ހެކީންނެވެ.

ހެކިބަސްދިން މީހުންގެ ތެރެއިން އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފު ބުނީ ސިޔާމްގެ ލަގެޖުން އޭނާ އަށް ސެންޓު ފުޅިއެއް ފެނުނު ކަމަށާއި އޭގެތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާއެއްޗެއް އޮތްކަމެއް ނޭނގޭ ކަމަށެވެ.

ހެކިބަސްދެމުން ކަސްޓަމްސްގެ ދެ އޮފިސަރުން ވިދާޅުވެފައި ވަނީ ސިޔާމްގެ ލަގެޖުން ބަނގުރާ ފުޅިއެއް ފެނުނު ކަމަށާއި އެ ފުޅި ނެގީ ސިޔާމްގެ ހާޒިރުގައި ނޫން ކަމަށެވެ.

އެ ދެ މީހުން ވިދާޅުވެފައި ވަނީ ސިޔާމްގެ ފޮށި ހުޅުވައި ޗެކްކުރީ އޭނާ އައްޔަން ކުރި މީހެއްގެ ހާޒިރުގައި ކަމަށެވެ.

އެ ދެ ބޭފުޅުން އެގޮތަށް ވިދާޅުވުމުން ސިޔާމްގެ ވަކީލު އަލީ ޝާހު ވަނީ ސުވާލުތަކެއް ކުރިމަތިކުރައްވައިފައެވެ. އެގޮތުން ފޮށި ޗެކްކުރި އިރު ހާޒިރުގައި ހުރީ ސިޔާމް ކަނޑައެޅުއްވި ފަރާތެއްކަން އެނގިވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވުމުން އޭގެތެރެއިން އެއްބޭފުޅަކު ވިދާޅުވީ އެކަން އެނގުނީ އެމީހާގެ ޕާސްޕޯޓު ބެލުމުން ކަމަށެވެ.

ޝާހު ކުރެއްވި އެ ސުވާލަށް ކަސްޓަމްސްގެ ދެ އޮފިސަރުން ދެއްވި ޖަވާބުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ހެކީންގެ ގޮތުގައި ދެ ފުލުހުން ހުށަހަޅާފައި ވަނީ ބަނގުރާ ތަހުލީލުކުރިކަން ސާބިތުކުރުމަށެވެ. އެގޮތުން ބަނގުރާ ތަހުލީލު ކުރި ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އިރު، އެ ދެ ބޭފުޅުންގެ ތެރެއިން ތަހުލީލު ކުރި އިރު ހާޒިރުގައި ހުންނެވި ފުލުސް އޮފިސަރު ވިދާޅުވީ އެ ތަހުލީލުކޮށްފައި ވަނީ ދުވާލުގެ ވަގުތެއްގައި ކަމެއް ނުވަތަ ރޭގަނޑުގެ ވަގުތެއްގައި ކަމެއް މިހާރު ހަނދާން ނެތް ކަމަށެވެ.

އެ މައްސަލައިގައި ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.