އިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސްކައުޓް ގްރޫޕާއި ސަފާ ހައްޖު ގްރޫޕް ގުޅިގެން ރާއްޖޭގެ ސްކައުޓް ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް ހެޔޮ އަގުގައި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.

އިޔާޒުއްދީން އިންޓަނޭޝަނަލް ސްކައުޓް ގްރޫޕްގެ ރޯވާ ކްރޫގެ އެޑްވައިޒަަރު އިބްރާހިމް ޝާތިފް ވިދާޅުވީ، މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި ރާއްޖޭގައި ސްކައުޓް ހިންގާ ހުރިހާ ސްކޫލެއްގެ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކުން ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން ހުރިހާ ސްކައުޓް ގްރޫޕަކަށް މިހާރު އެ ދަތުރުގައި ބައިވެރިވުމަށް އެދޭ ފޯމް ފޮނުވާފައިވާއިރު، އިޔާޒުއްދީން ސްކޫލުން ވެސް ދަތުރުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ފުރަތަމަ ޓާމް ބަންދު ތެރޭގައި ދިއުމަށް ހަމަޖެހިފައިވާ އެ ދަތުރުގައި އެންމެހާ ކަމަކަށް ދައްކަންޖެހޭ ފީ އަކީ 20،000 ރުފިޔާ އެވެ. އަދި އެ ފައިސާ އިންސްޓޯލްމަންޓަށް ވެސް ދެއްކޭނެ ކަމަށް ޝާތިފް ވިދާޅުވި އެވެ.

"މިމަހުގެ ނިޔަލަށް ދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ފޯމްތައް ބަލައިގަތުމަށްފަހު އެ ބޭފުޅުން ސަފާ ހައްޖު ގްރޫޕުގައި ރަޖިސްޓްރީ ކުރެވޭނެ. އެއަށްފަހު ސަފާ ހައްޖު ގްރޫޕްގެ ބޭންކް އެކައުންޓަށް ފައިސާ ދައްކަމުންދާނީ،" އޭނާ ވިދާޅުވި އެވެ.

އިޔާޒުއްދީން ސްކޫލުން ބުނީ، ދަތުރުގައި ކީރިތި ރަސޫލާ އުފަންވެވަޑައިގަތް ގެކޮޅާއި ހިރާ ފަރުބަދަ، އުހުދު ފަރުބަދައިގެ އިތުރުން މައްކާ އަދި މަދީނާގެ އެކިއެކި މުހިއްމު ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާއި ބެހޭ މައުލޫމާތު ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.