15 Jun 2014, 13:39
ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި އަލްޖީރިއާ އާ ދެކޮޅަށް ކުޅޭ މެޗުގައި މާޔޫސްކަމުން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ބުނެފި އެވެ.
ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް ކުރިއަށްދާ އިރު، މިހާތަނަށް ކުޅުނު ބައެއް މެޗުތަކުގައި ހީނުކުރެވުނު ކަހަލަ ނަތީޖާތަކެއް ނުކުމެފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވުނީ ނެދަލޭންޑްސް އަތުން 5-1 ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ބަލިވުމާއި ކޯސްޓަ ރިކާ އަތުން 3-1 ލަނޑުން އުރުގުއާއީ ބަލިވުމެވެ.
"އަހަރެން އަބަދު ވެސް ވިސްނަނީ އަހަރެންގެ ޓީމާ މެދު. އިދިކޮޅު ޓީމަކީ ކޮބައިތޯ އާއި އެމީހުންނާ މެދު އަހަރެންނެއް ނުވިސްނަން. އަބަދުވެސް ކަންތައް ކުރާ ގޮތަށް މިދަނީ ކުރިއަށް،" ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިލްމޮޓްސް ބުންޏެވެ. "އަހަރެމެން އެންމެ ފަހުން ކުޅުނު ދިހަ މެޗުގެ ވީޑިއޯ ބަލައި، އެ މެޗުތަކުގެ ފުރަތަމަ އޭގާރައިގައި ހިމެނުނު ކުޅުންތެރިންގެ ކުޅުމަށް އަހަރެން ބަލައިފިން. އަލްޖީރިއާ އާ ދެކޮޅަށް ނުކުންނަން އަހަރެމެން މިހިރީ ތައްޔާރަށް."
އޭގެ އިތުރުން، އަލްޖީރިއާ އާ ދެކޮޅަށް ނުކުންނަ އިރު، އެ ޓީމުގެ ކުޅުންތެރިންގެ ފެންވަރާއި ބަލިފައި މިހާރު ބެލްޖިއަމް ކުޅުންތެރިންނަށް އެނގޭނެ ކަމަށް ކޯޗު ވިލްމޮޓްސް ބުންޏެވެ.
އެސްޓޭޑިއޯ މިނެރޯއޯގައި އަލްޖީރިއާ އާ ދެކޮޅަށް ބެލްޖިއަމް ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގަ އެވެ.