ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ބޮސްނިއާ އާ ދެކޮޅަށް ނުކުންނަ އިރު އާޖެންޓީނާ އޮތީ ބޮސްނިއާގެ މައްޗަށް ކުރިހޯދުމަށް ކެތްމަދުވެފައި ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

އާޖެންޓީނާ އާއި ބޮސްނިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 3:00ގަ އެވެ. މެޗް ކުޅޭނީ ބްރެޒިލްގެ އެސްޓާޑިއޯ މަރަކާނާ ސްޓޭޑިއަމްގަ އެވެ.

މެޗުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން މެސީ ބުނީ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބޮސްނިއާ ފުރަތަމަ ފަހަރަށް ކުޅޭ އިރު، އެ ޓީމަށް އިހްތިރާމް ކުރާނެ ކަމަށާއި ނަމަވެސް އާޖެންޓީނާ ނުކުންނާނީ ގްރޫޕްގެ ފުރަތަމަ މެޗް ކާމިޔާބުކޮށް، ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި ބޮސްނިއާގެ މައްޗަށް ކުރި ހޯދުމަށް އާޖެންޓީނާގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ކެތްމަދުވެފައި ކަމަށް މެސީ ބުންޏެވެ.

"އަހަރުމެން ޓީމުގައި ތިބީ މޮޅެތި ކުޅުންތެރިން. އަހަރުމެންނަށް ބޮސްނިއާގެ މައްޗަށް ކުރި ހޯދޭނެ. އާޖެންޓީނާ އިން މިރޭ ބޮސްނިއާ އަށް އިހްތިރާމް ކުރާނެ. ބޮސްނިއާއަކީ ބަލި ޓީމެއް ނޫން،" މެސީ ބުންޏެވެ.

މެސީ ބުނީ، މިފަހަރުގެ ވޯލްޑް ކަޕަށް ބޮސްނިއާ އަލަށް ކޮލިފައިވި ކަމުގައި ވިޔަސް، އެ ޓީމަކީ ބަލި ޓީމެއް ނޫން ކަމަށާއި ގްރޫޕްގައި ބޮސްނިއާ އާއި އެކު ދެން ހުރި ޓީމް ތަކަކީ ވެސް ވަރުގަދަ ޓީމްތައް ކަމަށެވެ.

އާޖެންޓީނާ އާ އެކު ގްރޫޕް އެފްގައި ދެން ހިމެނޭ ޓީމްތަކަކީ އިރާން، ނައިޖީރިއާ އަދި ބޮސްނިއާ އެވެ.

ގްރޫޕް ސްޓޭޖްގައި އާޖެންޓީނާ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00ގައި ނުކުންނާނީ އިރާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އާޖެންޓީނާ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:00ގައި ނުކުންނާނީ ނައިޖީރިއާ އާއި ދެކޮޅަށެވެ.