ނޭޝަނަލް ސެންޓަ ފޯދި އާޓްސް (އެންސީއައިޓީ) އާއި މޯލްޑިވްޒް އެންޓަޓެއިންމަންޓް ކޮމްޕެނީ ގުޅިގެން މާލޭ އާޓް ފެސްޓިވަލްގެ ނަމުގައި ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ ފެސްޓިވަލެއް ބާއްވާގޮށް ހަމަޖައްސައިފި އެވެ.


މާލޭ އާޓްފެސްޓިވަލް ބޭއްވުމަށްހަމަޖެހިފައި ވަނީ މާދަމަ އިން ފެށިގެން މި މަހުގެ 16ގެ ނިޔަލަށް އަލިމަސް ކާނިވަލް ސަރަހައްދުގަ އެވެ.


އެންސީއައިޓީގެ އިސް އޮފިޝަލެއް ކަމަށްވާ މުހަންމަދު ރަޝީދު (ދަރާ ރަޝީދު) މިއަދު ބުނީ އެ ފެސްޓިވަލުގައި ރާއްޖޭގައި ތިބި ތަފާތު ފަންނުވެރިންގެ ހުނަރުތައް އެއް ތަނަކުން ފެނިގެން ދާނެ ކަމަށެވެ. އެގޮތުން ކުރެހުމާއި ލިޔުންތެރިކަމާއި ލަވަކިއުމާއި މިޔުޒިކާއި ގުޅުން ހުރި ސްޓޯލްތަކާއި ސެމިނާތައް އެ ފެސްޓިވަލްގެ ތެރޭގައި ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.


"ދިވެހި އާޓިސްޓުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް އެކްސްޕޯސް ވެލަން. އެމީހުންގެ ޓެލެންޓް ދައްކާލަން،" ދަރާ ރަޝީދު ބުންޏެވެ.


އެ ފެސްޓިވަލްގެ މަގުސަދަކީ ފަންނުވެރިންގެ މަސައްކަތްތައް ދައްކުވައިދީ އެ ފަންނުތަކުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި އާންމުންނަށް ފޯރުކޮށްދިނުން ކަމަށް އެންސީއައިޓީން މައުލޫމާތުދެ އެވެ.


ދަރާ ރަޝީދު ބުނީ އެ ފެސްޓިވަލުގައި ބައިވެރިވުމަށް ބޭނުންވާ ދިވެހި ފަންނުވެރިން މާލޭ ފެސްޓިވަލް ޑޮޓް ނެޓްގައި ރަޖިސްޓްރީ ކުރުމުން އެމީހެއްގެ ފަންނުދައްކާލުމަށް ސްޓޯލެއް ހާއްސަ ކުރެވޭނެ ކަމަށެވެ. އޭނާ ބުނީ އެކަމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި އަދި އެ ފެސްޓިވަލަށް ވަނުން ވެސް އޮތީ މުޅިން ހިލޭ ކަމަށެވެ.


"ހަމަ ވަންނަން ބޭނުން ކޮންމެ ފަރާތަކުން ވަންނަންވީ. ސެމިނާތަކުގައި ވެސް ބައިވެރި ވާންވީ. ޖާގަ އޮތް ވަރަކުން މިތަނަށް ވަދެވޭނެ،" ރަޝީދު ބުންޏެވެ.


އެނާ ބުނީ ފަންނުވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑުތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިފަހަރުގެ ތަޖުރިބާއަށް ބަލައި ކޮންމެ އަހަރަކު ވެސް އެފަދަ ފެސްޓިވަލެއް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.


ނުވަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ފެސްޓިވަލް ކުރިއަށް ދާނީ ހެނދުނު  10 އިން މެންދުރު 1 އަދި މެންދުރު 2-6 އަދި ރޭގަނޑު 8-12 އަށް ކަމަށް އެންސީއައިޓީން މައުލޫމާތުދެ އެވެ.