15 Jun 2014, 13:31
ކޭބަލް ޓީވީގެ ހިދުމަތް ދެމުންދާ މީޑިއާ ނެޓް މެދުވެރިކޮށް، ރާއްޖޭގެ ޗެނަލްއެއް ކަމަށްވާ، "އައިސް ޓީވީ" އިން "ސޮނީ ސިކްސް"ގެ ފީޑް ނަގައިގެން ރީބްރޯޑް ކާސްޓް ކުރި މައްސަލަ ބްރޯޑްކާސްޓިންގް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ނޫރާ އަލީ މިއަދު ސަން އަށް ވިދާޅުވީ ވޯލްޑް ކަޕް ރީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބިފައިވާކަން އެކޮމިޝަން އަށް އަންގާފައި ވަނީ ޓީއެމް އާއި ވީޓީވީ އިން އެކަނި ކަމަށެވެ. އެހެން ކަމުން އައިސް ޓީވީ އިން ވޯލްޑް ކަޕް މެޗްތައް ރީ ބްރޯޑްކާސްޓް ކުރި މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއުލާން ކޮށްފައިވާނެ ރީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން މިކޮމިޝަނަށް އެނގުމަށް. ނަމަވެސް އައިސް ޓީވީ އިން އެކަން އަނގާފައެއް ނުވޭ،" ނޫރާ ވިދާޅުވި އެވެ.
ނޫރާ ވިދާޅުވީ އައިސް ޓީވީ އާ މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ އެ ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ.
މީޑިއާ ނެޓްގެ ޗެނަލް ނަމްބަރު 100 އަކީ އައިސް ޓީވީ އަށް މީޑިއާ ނެޓުން ދޫކޮށްފައިވާ ނަމްބަރެވެ. ބުރާސްފަތި ދުވަހުގެ ރޭ ފެށި ވޯލްޑް ކަޕުގެ މެޗުތައް ރެއާ ހަމަޔަށް އެ ޗެނަލުން ދައްކަމުން ދިޔައީ އިންޑިއާގެ ކުޅިވަރު ޗެނަލެއް ކަމަށްވާ "ސޮނީ ސިކްސް"ގެ ފީޑުންނެވެ. އެ ޗެނަލުގެ ރީބްރޯޑްކާސްޓް ކުރި އިރު، އައިސް ޓީވީގެ ލޯގޯ ވެސް ވެސް ސްކްރީންގެ ވައަތް ފަރާތު ތިރިއަށް ދިޔައީ އަރުވަމުންނެވެ. އަދި މީޑިއާ ނެޓުގެ އިސްތިހާރު ވެސް އެ ޗެނަލުން ދިޔައީ ދައްކަމުންނެވެ.
މީޑިއާ ނެޓްގެ ޕާޓްނަރު އަހުމަދު ޝަފީއު ރޭ ސަން އަށް ވިދާޅުވީ ސޮނީ ސިކްސް މެދުވެރިކޮށް ވޯލްޑް ކަޕްގެ މެޗުތައް ދައްކަމުން ދާނެ ކަމަށާއި ސޮނީ ސިކް އިން މެޗުތައް ދެއްކުމަށް ރައިޓްސް ނަގާފައިވާ ކަމަށެވެ.
ނަމަވެސް ސެވަން ތްރީ ސްޕޯޓްސްގެ ފަރާތުން ސަން އަށް އިއްޔެ ދިން އިންޓަވިއުއެއްގައި އެ ކުންފުނީގެ ނެގޯޝިއޭޓަރު، އަބީޝޭކް ޝަކުލާނީ ވިދާޅުވީ ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ދޫކުރާނީ އެ ކުންފުނިން ކަމަށާއި ރާއްޖޭގައި ވޯލްޑްކަޕްގެ ދެއްކުމުގެ ހުއްދަ ހަމައެކަނި އަދި ދީފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމް އާއި ވީޓީވީ އަށް އެކަނި ކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ފަރާތް ނޫން ފަރާތަކުން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ބްރޯޑްކާސްޓް ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އައިސް ޓީވީ އިން ވޯލްޑް ކަޕް ދައްކައި އަދި އެ ނޫން ޗެނަލްއަކުން ވޯލްޑް ކަޕް ދައްކަމުންދާތީ، ޓީވީއެމް އާއި ވީޓީވީ އިން ދައްކާ ވޯލްޑް ކަޕް މެޗުތަކަށް ސޮޕަންސާ ކުރި މީހުން ދަނީ މައްސަލަ ޖައްސަމުންނެވެ.