15 Jun 2014, 13:16
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ދެވަނަ މެޗުގައި ރޭ އިންގްލެންޑް އާ ވާދަކޮށް އިޓަލީ 2-1 ލަނޑުން މޮޅުވުމުން ތަފާތު ދެ އިހުސާސެއް ކުރެވިއްޖެ ކަަމަށް އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފި އެވެ.
ރޭގެ މެޗަށް ފަހު ބަލޮޓެލީ ބުނީ، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެ، އިންގްލެންޑް ބަލިކޮށްލި ލަނޑު ޖެހުމުން އުފާވި ކަމަށާއި މިއީ ފުޓްބޯޅައިގެ ކެރިއަރުގައި އަދި މިވީހާތަނަށް އެންމެ ބޮޑަށް އުފާވި އެއް ރޭ ކަމަށެވެ. އަދި މިއުފަލާ އެކު މުޅިން ތަފާތު ދެ އިހުސާސެއް ކުރެވިގެން ހިގައްޖެ ކަމަށާއި އެއީ އެގޮތުން ކުރެވުނު އެއް އިހުސާސްގެ އުފަލަކީ ހުސްވި ހަފްތާގެ ތެރޭގައި ލޯބިވެރިއާ އެކު އެންގޭޖް ކުރެވުމުން ކުރެވުނު އިހުސާސް ކަމަށް ބަލޮޓެލީ ބުންޏެވެ.
"އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމުން އަހަރެންނަށް މުޅިން ތަފާތު ދެ އިއުސާސެއް ކުރެވުނު. ފުރަތަމަ އިހުސާސްއަކީ އިޓަލީ މޮޅުވެގެން ދިޔަ ލަނޑު އަހަރެންގެ ފަރާތުން ކާމިޔާބު ވުމުން. ދެ ވަނައަށް ކުރެވުނު އިއުސާސް އަކީ ލޯބިވެރިއާ އެކު މިދިޔަ ހަފްތާގައި އެންގޭޖް ކުރެވުމުން ކުރެވުނު އިހުސާސް. މިއީ ތަފާތު މުޅިން ދެ އިހުސާސެއް. އިންގްލެންޑް ކޮޅަށް ޖެހި ލަނޑު އަހަރެން ހަދިޔާ ކުރާނީ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް އަންނަން އުޅޭ ނެގޫޝާއާއި އަހަރެންގެ ލޯބިވާ މުޅިއާއިލާއަށް." މެޗަށް ފަހު ބަލޮޓެލީ ބުންޏެވެ.
ރޭ މެޗުގެ ފުރަތަމަ ގޯލު އިޓަލީ އަށް ކާމިޔާބުކޮށްދިނީ މެޗުގެ 35 ވަނަ މިނެޓްގައި ކްލައުޑިއޯ މާކީސިއޯ އެވެ. ނަމަވެސް އިޓަލީ މެޗުގެ ލީޑު ނެގިތާ ތިން މިނެޓް ފަހުން އިންގްލެންޑް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނިއަލް ސްޓަރިޖް ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި އިންގްލެންޑް ސިއްސުވާލައި، އިޓަލީއަށް ތިން ޕޮއިންޓު ކަށަވަރު ކޮށްދިން ލަނޑު ދެ ވަނަ ހާފުގެ ފުރަތަމަ ފަސް ވަނަ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ އުމުރުން 23 އަހަރުގެ ބަލޮޓެލީ އެވެ.
ބަލޮޓެލީ ބުނީ، މެޗަށް ނުކުތީވެސް ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަމަށާއި އިންގްލެންޑާ ދެކޮޅަށް އިޓަލީ ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަކީ 100 ޕަސެންޓުގެ މޮޅު ކުޅުމެއް ކަމަށެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އިޓަލީ ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 9:00ގައި ނުކުންނާނީ ކޮސްޓަރިކާއާއި ދެކޮޅަށެވެ.