15 Jun 2014, 13:08
ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި އިޓަލީ ކުރިހޯދީ "ވަރުގަދަ" އިނގިރޭސީންނާ ދެކޮޅަށް ކުޅެ ކަމުގައި އިޓަލީގެ ކޯޗު ސެސާރޭ ޕްރަންޑެލީ ބުނެފި އެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި އިނގިރޭސީން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، ފުރަތަމަ ވެސް ލީޑު ނެގީ އިޓަލީ އިންނެވެ. މެޗުގައި ކްލައުޑިއާ މަކީސިއޯގެ ލަނޑުން އިޓަލީ ލީޑު ނެގި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރީން އިނގިރޭސީން މެޗުގެ ނަތީޖާ ހަމަހަކުރި އެވެ. އިނގިރޭސީންގެ ލަނޑު ޖަހައިދިނީ ޑެނިއަލް ސްޓަރިޖް އެވެ. އެހެން ނަމަވެސް ޕޮއިންޓެއް ނުލިބި އިނގިރޭސީންނަށް މެޗު ނިންމައިލާން ޖެހުނީ ދެވަނަ ހާފުގައި އިޓަލީ އަށް މާރިއޯ ބަލޮޓެލީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
"އަހަރެމެންގެ ކުޅުންތެރީންނަކީ އެ ޓީމުގައި ތިބި ކުޅުންތެރިންނަށް ވުރެ ވަރުގަދަ ކުޅުންތެރީންނެއް ނޫން. އެހެންކަމުން މެޗުގައި އަހަރެމެން މަސައްކަތްކުރީ ޓީމުގެ ކުޅުންތެރީންގެ ކުޅަދާނަކަން ބޭނުންކޮށްގެން ކުޅެން،" ޕްރަންޑެލީ ބުންޏެވެ. "އިނގިރޭސި ޓީމުގައި ވަރަށް ރަނގަޅު ޓެކްނިލް ކުޅުންތެރީން އެބަތިބި. މެޗުގައި އަހަރެމެންގެ ޑިފެންސް ރަނގަޅުވީ ކަމަށް ވެސް ވެދާނެ."
އިނގިރޭސީންގެ ކުޅުމާއި ހަމަހަމަ ކުރުމަށްޓަކައި އިޓަލީ ޓީމަށް ބަދަލުތަކެއް ގެނައި ކަމަށާއި އެ ޓީމުން މަސައްކަތްކުރީ ހަލުވި ކުޅުންތެރީންގެ ބޭނުން ހިފުމަށް ކަމަށް ޕްރަންޑެލީ ބުންޏެވެ. އަދި މީގެ 20 އަހަރު ކުރީން ކުޅުނު ގޮތާއި ތަފާތު ގޮތަކަށް ކުޅުނު އިނގިރޭސި ޓީމަށް ބަދަލުތަކެއް ގެނައިކަން ދެނެގަނެ އިޓަލީ ޓީމަށް ވެސް ބަދަލުތަކެއް ގެނައި އޭނާ ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ކޮސްޓަރިކާއާ ދެކޮޅަށް އިޓަލީ ނުކުންނަ އިރު، އިނގިރޭސިން ނުކުންނާނީ އުރުގުއާއީ އާ ދެކޮޅަށެވެ.