ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި އިޓަލީ އަތުން އިނގިރޭސިން ބަލިވުމަކީ މުބާރާތުން ކެޓުން ނޫން ކަމުގައި އެ ޓީމުގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި އިނގިރޭސިން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، ފުރަތަމަ ލީޑު ނެގީ އިޓަލީންނެވެ. މެޗުގައި ކްލައުޑިއާ މަކީސިއޯގެ ލަނޑުން އިޓަލީ ލީޑު ނެގި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިނގިރޭސިންނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑެނިއަލް ސްޓަރިޖް އެވެ. ޕޮއިންޓެއް ނުލިބި އިނގިރޭސިން ނިންމާލަން ޖެހުނީ ދެވަނަ ހާފުގައި އިޓަލީ އަށް މާރިއޯ ބަލޮޓެލީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

"އިޓަލީ އަތުން ލިބުނީ ކޮންމެ ނަތީޖާއެއް ކަމުގައި ވިޔަސް، އުރުގުއާއީ އަތުން އަހަރެމެން މޮޅުވާން އެބަޖެހޭ،" ބީބީސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖެރާޑް ބުންޏެވެ. "އީޓަލީ އަކީ ވަރަށް ރަނގަޅު ޓީމެއް ކަމާއި އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާނެ ކަން އަހަރެމެންނަށް ކުރިން ވެސް އެނގޭ. އެކަމަކު އެމީހުން ހައިރާންކުރަނިވި މޮޅު ކުޅުމެއް ނުދައްކާ. ހިތާމައަކީ އަހަރެމެން މޮޅަށް ކުޅެ ހުސްއަތާ ނިންމާލަން ޖެހުނީތީ."

ރޭގެ މެޗުގައި އިނގިރޭސި ޓީމަށް ރަހީމް ސްޓާލިންގް ފަދަ ޒުވާން ކުޅުންތެރިން ކުޅެފައިވާ އިރު، އެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމުގައި ޖެރާޑް ބުންޏެވެ.

"ފަހަތުގައި މަޑުކޮށްގެން ކުޅުމަކަށްވާ ކުޅުމެއް ނުދަކާކަމަށް ބުނެ މީގެ ހަތަރު އަހަރު ކުރިން ބަޔަކު ވަނީ އަހަރެމެންނަށް ފާޑުކިޔައިފައި. ނަމަވެސް އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ބަޔަކަށް އެނގޭނެ އަހަރެމެން ކޮންމެވެސް ނަތީޖާއެއް ނެރެން މަސައްކަތްކުރި ކަން،" އޭނާ ބުންޏެވެ. "އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އަހަރެމެންނަށް އެއްވެސް ޕޮއިންޓެއް ނުލިބުނީ ނަސީބު ދެރަ ކަމުން. މެޗުގައި ޓީމުގެ ކޮންމެ ކުޅުންތެރިއެއް ވެސް ރަނގަޅު ކުޅުމެއް ދެއްކި."

ގްރޫޕް ޑީގައި އިނގިރޭސިން ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ އުރުގުއާއީ އާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 12:00ގަ އެވެ.