ތިމާވެށްޓާ ރަހުމަތްތެރިކޮށް ހިންގާ ހޮޓާތަކަށް ދޭ މަޝްހޫރު އެވޯޑެއް ކަމަށްވާ "ކޮންސިޑަރޭޓް އޮސްކާ" ގއ. ހަޑަހާގައި ހިންގާ ޕާކް ހައިޔަޓް މޯލްޑިވްސް ހަޑަހާ އަށް ލިބިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ލަންޑަންގައި ބޭއްވި ކޮންސިޑަރޭޓް އޮސްކާސް ދިނުމުގެ ހަފުލާގައި ޕާކް ހައިޔަޓް މޯލްޑިވްސްއަށް ލިބިފައި ވަނީ "އިންޓަނޭޝަނަލް ކޮންސިޑަރޭޓް ހޮޓެލް އޮފް ދަ އިޔާ 2014" އެވޯޑެވެ.

އެވޯޑް ލިބުމުން ޕާކް ހައިޔަޓް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރް ޖޫލިއަން މޫރު ވިދާޅުވެފައި ވަނީ އެ ރިސޯޓް އުފެއްދި ދުވަހުން ފެށިގެން އިކޯސިސްޓަމް ހިމާޔަތްކުރުމަށް ކުރި މަސައްކަތް ފާހަކަކޮށް އެވޯޑް ދިނުމުން އުފާކުރައްވާ ކަމަށެވެ.

"...ޕާކްހައިޔަޓް މޯލްޑިވްސް ހަޑަހާއަކީ ތިމާވެށީގެ ޗެމްޕިއަނަކަށް ހެދުމަށް އަދި އެ ވެއްޓެއްގައި އަޅުގަނޑުމެން ދެމިތިބި ނާޒުކު އެކޯސިސްޓަމް ހިމާޔަތް ކުރުމަށް ރިސޯޓް އުފެއްދި ދުވަހުން ފެށިގެން ކުރި މަސައްކަތް ފާހަގަކޮށް މި އެވޯޑް ލިބުމުން އަޅުގަނޑުމެން ފަހުރުވެރިވޭ. އަދި އެއީ ލިބުނު ޝަރަފެއް،" މޫރް ވިދާޅުވެފައި ވެއެވެ.

ރިސޯޓަށް އެވޯޑް ލިބުމުން އެތަނުގެ ވެރިންނަށާއި މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ އެވޯޑް ލިބުމަކީ އެތަނުގެ ފެންވަރު މަތިކުރުމަށް ހިތްވަރެއް ލިބުނު ކަމެއް ކަމަށެވެ.

ކޮންސިޑަރޭޓް އޮސްކާއަކީ ފެނާއި ހަކަތަ ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތަކަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮޓާތަކަށް ދޭ އެވޯޑްތަކެކެވެ.