05 Jan 2011, 07:59
ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ސިފައިންގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން ބުނީ ރޭގެ ހަމަލާ ގައި ޒަޚަމްވި އެމްއެންޑީއެފްގައި މަސައްކަތް ކުރާ މާލެ އަތޮޅު ގާފަރު، އަފުރާވިލާ އަހުމަދު އިޝާން،24،ގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި އަދި މިހާރު އޭނާ އަށް ވޯޑްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އިޝާންގެ އާއިލާ އިން ބުނީ އޭނާގެ މެޔަށް ވަޅި ހެރުމުގެ ސަބަބުން ފުއްޕާމެއަށް ވެސް އަސަރުކޮށްފައިވާ ކަމަށާއި އަދި މެޔަށް ލޭ ފޮނުވައިދޭ ހޮޅިއެއް ވެސް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ ވަނީ އޮޕްރޭޝަން ކޮށްފަ އެވެ.
އިޝާން އަށް ކޮންބައެއް ކަން ނޭނގޭ ބަޔަކު ރޭ ހަމަލާ ދިނުމާ ގުޅިގެން، ޗީފް އޮފް ޑިފެންސް ފޯސަސް މޫސާ އަލީ ޖަލީލު ވަނީ އައިޖީއެމްއެޗަށް ވަޑައިގެން އިޝާންގެ އާއިލާއާ ބައްދަލު ކުރައްވައިފަ އެވެ.
އަދި އެމްއެންޑީއެފުން ވަނީ އިޝާން އަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެހަމަލާ ކުށްވެރިކޮށް ލެފްޓިނެންޓް ކާނަލް އަފްޒަލް ވިދާޅުވީ އިޝާން އަކީ އެމްއެންޑީއެފްގައި ވަރަށް ހީވާގިކަމާ އެކު މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި އޭނާ އަށް ދީފައިވާ ހަމަލާ ކުށްވެރި ކުރާ ކަމަށެވެ.